ހަބަރު

ރައީސް ނަޝީދުގެ އަސަރުގަދަ ޓްވީޓެއް: ނިދާލާފައި އޮތީ ކާކު؟

މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދު ތިން އަހަރު ފުރުނީ އެވެ. އެ ދުވަހު ވެރިކަން "ބަދަލުކުރި ގޮތަށް" މިހާރުގެ ވެރިކަން ބަދަލުކުރާނެ ކަމަށް އިހަށް ދުވަހު ނަޝީދު ވިދާޅުވެފައި ވާތީ މިއަދު އެކަމާ ބެހޭ ވަރުގަދަ މެސެޖަކަށް އިންތިޒާރުކޮށްގެން ތިއްބާ އައީ ހިތްތަށް މޮޅިކޮށްލާ ލަވަޔަކުން ތަންކޮޅެކެވެ.

"އެރޭ ހާދަ ރުއިމޭ، ހަނދާންވޭ އެ މަންޒަރު، ދުށީ ދާދި ކައިރިން ނިދާލާފަ ވާތީ"

ނަޝީދުގެ ޓްވީޓްގައި އެ ވަނީ ގ. ޕެންޒީމާގޭ ބައެެއް ބޭފުޅުން ދަތުުރުކުރެއްވި ދޯންޏެއް ގުޅީ ފަޅުމައްޗަށް ބަންޑުން ޖަހާލައި ބަޔަކު އަވަހާރަވި ދުވަހާ ގުޅުވައި އާއިލާގެ ހަނދާނުގައި މައުސޫމް ޝާކިރް ހައްދަވާފައިވާ ޅެމެކެވެ. މިހާރު އުމުރުން 50 އިން މައްޗަށް ގޮސްފައިވާ އަދި ޅެން ހެއްދެވުން 2003 ވަނަ އަހަރު ހުއްޓާލައްވާފައިވާކަން އިއުލާނުކުރައްވާފައިވާ ނަޝީދުގެ އަރިސް މާރިޔާ އަހުމަދު ދީދީގެ ވެސް ތިމާގެ ބޭފުޅުން ކަމަށް މައުސޫމްގެ އާއިލާ އަށް ކުރިމަތިވި ހާދިސާއާ ބެހޭ ގޮތުން ނަޝީދު މީގެ ކުރިން ޓްވީޓެއް ކުރެއްވި ކަމެއް ނޭނގެ އެވެ. އެކަމަކު މިއީ ޕެންޒީމާގެ އާއިލާއަށް ކުރިމަތިވި ހާދިސާގެ ހަނދާން އާކުރެއްވުމުގެ ޓްވީޓަކަށް ވެސް ވެދާނެ އެވެ. 

އެކަމަކު މިދިޔަ އަހަރުގެ ފެބްރުއަރީ 7 ގައި ވެސް ވެރިކަން ބަދަލުވުމާ ގުޅުވައިގެން ނަޝީދު ޓްވީޓެއް ނުކުރައްވަ އެވެ. އެކަމަކު އޭގެ ކުރީ އަހަރު ފެބްރުއަރީ ހަ ވަނަ ދުވަހު ވަނީ "މިއަދަކީ އާ އަޒުމަކާއި އާ ހިތްވަރަކާ އެކު ރާއްޖޭގައި އިންތިހާބީ ވެރިކަމެއް ހޯދުމަށް ރައްޔިތުން ނިކުންނަންވީ ދުވަސް" ކަމަށް ޓްވީޓްކުރެއްވި އެވެ. އަދި އެ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު މުޅި ރާއްޖޭގައި އެމްޑީޕީން ބޭއްވި ހިނގާލުމުގައި އެންމެން ބައިވެރިވުމަށް އެ ދުވަހު ޓްވީޓެއްގައި ގޮވައިލެއްވި އެވެ. އެހެންވެ ދުވަހާ ގުޅިގެން "ސީދާ ޓްވީޓެއް" އަދި އަތުވެދާނެ އެވެ.

މިއަދުގެ ޓްވީޓަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ ވަރަށް މަޝްހޫރުވެގެން ދިޔަ ލަވައެއްގެ އަސަރުގަދަ އިބާރާތްކޮޅެކެވެ. މިއީ ވެރިކަން ބަދަލުވުމާ ގުޅުވައިގެން ކުރެއްވި ޓްވީޓެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރެ އާއި އޭގެ ފަހުން ދެން އައި ހަލަބޮލި ދުވަސްތަކުގެ އެއްވެސް ރެޔަކީ ނަޝީދަށް އުފާވެރި ރެއެއް ނޫން ކަމެވެ.

ފެބްރުއަރީ 7، 2012 ގައި ސިފައިންނާއި ފުލުހުންނާއި އާންމުން ސަރުކާރާ ދެކޮޅަށް ނިކުތުމާ އެކު ނަޝީދުގެ ވެރިކަން ވެއްޓުމުގެ ކުރީ ރެޔަކީ ފަހުގެ ތާރީހެއްގައި ދިވެހިން ދެކެފައި ނުވާ ފަދަ ބިރުވެރި ރެޔެކެވެ. ތަޅާފޮޅުމާއި ތަންތަނަށް ގެއްލުން ދިނުމުގައި ހައްދެއް ނެތެވެ. އެ ހުރިހާ ކަމެއްގެ މެދުގައި ހުންނެވީ ނަޝީދެވެ. ސަލާމަތީ ބާރުތައް ހަމަޔަށް އަޅުވައި، ސަލާމަތުގެ އައްސޭރިއެއް ހޯދަން ނަޝީދު ބަންޑާރަ ކޮއްޓަށް ވަޑައިގެން އިރު އަރަންދެން ކުރެއްވި މަސައްކަތް ނާކާމިޔާބުވީ އެވެ.

ނަޝީދު އެރޭ ކީރިތި ކުރެެއްވި ކަމެއް ނޭނގެ އެވެ. އެކަމަކު އެއީ އެތައް ހާސް ބައެއްގެ ލޮލުން ކަރުނަ އޮހޮރާލި ރެއެކެވެ. އެއީ ސުވާލެއް ކުރަންޖެހޭ ވަރަށް ވުރެ ފާޅުކޮށް ފެނިފައި ހުރި ކަންކަމެވެ. އެކަމަކު ނަޝީދުގެ ޓްވީޓަކީ ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއް ނަމަ ސުވާލަކީ މިއީ އެވެ. އެރޭ ނިދާލާފަ އޮއްވައި ނަޝީދަށް ފެނިވަޑައިގަތީ ކާކުހެއްޔެވެ؟