ބޭރު ކުޅިވަރު

ޒަކާ އާސެނަލް އަށް

ބޮރޫޝިޔާ މޮންޗެންގްލަޑްބަޗްގެ މިޑްފީލްޑަރު ގްރަނިތް ޒަކާ އާސެނަލް އަށް ސޮއިކޮށްފި އެވެ.

ސްވިޒަލޭންޑްގެ 23 އަހަރުގެ ކުޅުންތެރިޔާ އާސެނަލް އަށް ބަދަލުމިވީ އޭނާގެ ޓްރާންސްފާއާމެދު ދެ ކުލަބުގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވުމަށްފަހު އެވެ. ދެ ފަރާތުން އެންމެ ފަހުން އެއްބަސްވީ ކުޅުންތެރިޔާގެ އަގަކީ 35 މިލިއަން ޕައުންޑް ކަމަށެވެ.

އާސެނަލްގެ މެޑިކަލް ވެސް މިހާރު ފުރިހަަމަކޮށްފައިވާ ޒަކާ އެކުލަބުގެ އާ ހޯމް ޖާޒީގައި ނަގާފައިވާ ފޮޓޯތައް އިނގިރޭސި ނޫސްތަކުން މިހާރުވަނީ އާއްމު ކުރަން ފަށައިފަ އެވެ.

އޭނާ އަކީ އާސެނަލް އަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ހަފުތާއަކު ލައްކައަކަށްވުރެ ބޮޑު މުސާރައެއް ދޭން ނިންމި މަދު ކުޅުންތެރިންގެ ތެރެއިން ވެސް އެކެކެވެ. ޒަކާ އަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 110،000 ޕައުންޑް ލިބޭނެ އެވެ.

ޒަކާ ވަނީ މި ސީޒަނުގައި 27 މެޗު ކުޅެ ތިން ގޯލު ޖަހާފަ އެވެ. ޔޫރަޕުގައި މިހާރު ހުރި އެންމެ އުއްްމީދީ މިޑްފީލްޑަރު ކަމަށްވާ ޒަކާ ވަނީ ޕްރެމިއާ ލީގަށް ބަދަލުވާން ބޭނުންވާ ކަމަށް ކުރިން ވެސް ބުނެފަ އެވެ. އަދި އޭނާގެ ޓްރާންސްފާ އަންނަ މަހު ފަށާ ޔޫރޯގެ ކުރިން ނިންމުމަށް ކުޅުންތެރިޔާ ވެސް ދިޔައީ ބާރުއަޅަމުންނެވެ.

ޒަކާ އާސެނަލް އަށް ބަދަލުވުމުން އޭނާ ވެފައިވަނީ އެކުލަބުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މިހާތަނަށް އެންމެ އަގުބޮޑުކޮށް ގަނެފައިވަނީ ރެއާލް މެޑްރިޑުން ގެނައި ޖަރުމަނުގެ މެސުޓް އޮޒިލް އެވެ.