ބޭރު ކުޅިވަރު

އިޓާލިއަން ކަޕް ޔުވެންޓަސް އަށް، ފްރާންސްގެ ތަށި ޕީއެސްޖީ އަށް

އިޓާލިއަން ކަޕް އޭސީ މިލާން 1-0އިން ބަލިކޮށް ޔުވެންޓަސް ދިފާއުކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު 0-0އިން އެއްވަރުވުމުން ޔުވެންޓަސް މޮޅުވީ ނަތީޖާ ނެރެން ކުޅުނު 15 މިނިޓްގެ ފަހު ހާފުގައި އަލްވާރޯ މޮރާޓާ ޖެހި ލަނޑުންނެވެ.

މިއީ ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ އަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އޭސީ މިލާނަކީ އޭނާގެ ކުރީގެ ޓީމެވެ. ހުސް އަތާ އެ ޓީމު ސީޒަން ނިންމާލިއިރު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ނުލިބޭނެ އެވެ. އަދި އިޓާލިއަން ލީގު ކާމިޔާބު ކުރީ ވެސް ޔުވެންޓަސް އެވެ.

ފްރާންސް ކަޕް ޕީއެސްޖީ ކާމިޔާބު ކުރީ މާސޭއާ ވާދަކޮށް 4-2އިން މޮޅުވެގެންނެވެ. މި ސީޒަނަށް ފަހު ޓީމާ ވަކިވާން ނިންމާފައިވާ ޒްލަޓާން އިބްރަހިމޮވިޗް މި މެޗުގައި ޕީއެސްޖީ އަށް ދެ ލަނޑު ޖަހައިދިނެވެ. އަނެއް ދެ ލަނޑު ޖެހީ މަޓުއިޑީ އާއި އެޑިންސަން ކަވާނީ އެވެ. މާސޭގެ ދެ ލަނޑު ޖެހީ ފްލޯރިއަން އާއި މިޝީ އެވެ.

އިބްރަހިމޮވިޗް އަކީ ޕީއެސްޖީގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 179 މެޗުން 154 ގޯލު ޖަހާދީފަ އެވެ. އިޓަލީގެ އޭސީ މިލާނުން 2012 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު މި ފޯވަޑް އަންނަ ސީޒަނުގައި ފެނުން ގާތީ އިނގިރޭސި ލީގުންވެ. އިޓަލީގެ ޔުވެންޓަސް އާއި އޭސީމިލާން އަދި އިންޓަމިލާނުގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އަށް ވެސް ކުޅުނު ފޯވަޑް މިހާތަނަށް ނުކުޅޭ އެންމެ ބޮޑު ލީގަކީ އިނގިރޭސި ލީގެވެ.