ބަންގްލަދޭޝް

"ރޯނު"ގައި ޖެހި ބަންގްލަދޭޝްގެ ބައި މިލިއަން މީހުން ހާލުގައި ޖެހިއްޖެ

ރާއްޖެ ފަހަނައަޅާއި ބަންގްލަދޭޝްއަށް މިހާރު ދަތުރުކޮށްފައިވާ ބާރުގަދަ ތޫފާން "ރޯނު" ގައި ޖެހި ބަންގްލަދޭޝްގެ ބައި މިލިއަން މީހުން ހާލުގައި ޖެހިއްޖެ އެވެ. މި ތޫފާނުގެ ސަބަބުން ބަންގްލަދޭޝް އިން މިހާތަނަށް 24 މީހުންވަނީ މަރުވެފަ އެވެ.

މި ތޫފާނުގައި އިއްޔެ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ގެ ވެސް ބިމު އަޑިއަށް ގަނބައިގަތެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދިވެސް އެގައުމަށްދަނީ މެދު ނުކެނޑި ބޯކޮށް ވާރޭ ވެހެމުންނެވެ.

ބަންގްލަދޭޝްއަކީ މީގެ ކުރިންވެސް މިފަދަ ތޫފާންތަކުގައި ފެންބޮޑުވެ ގެއްލުންތައް ލިބޭ ގައުމެކެވެ. ރޯނު ތޫފާނުގައި ޖެހި ހާލުގައި ޖެހިފައި ތިބި މީހުން ރައްކާތެރި ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ބަންގްލަދޭޝް ސަރުކާރުން މެދުކެނޑުމެއްނެތި ކުރަމުން އަންނަ އިރު މިހާތަނަށް ފަސް ލައްކައެއްހާ މީހުންވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މި ތޫފާނުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ދެކުނުގައި އޮންނަ ޗިޓާގޮންގް ޑިސްޓްރިކްޓް އިން މަރުވި މީހުން ކަަމަށް އޭއެފްޕީ އިން ރިޕޯޓު ކުރެ އެވެ. ބަންގްލަދޭޝްގެ ގިނަ ޕޯޓުތައް މިހާރު ބަންދުކޮށްފައިވާއިރު ބޮޑު ބަޔަކުންވަނީ ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑިފަ އެވެ. މިހާތަނަށް ލިބުނު ގެއްލުންތައް އަދި ކަށަވަރު ނުކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކުރެ އެވެ.