އެސްޓީއޯ

އެސްޓީއޯގެ ހިއްސާއަކަށް 57 ރުފިޔާ ބަހަން ހުށަހަޅަން ނިންމައިފި

May 22, 2016
1

ސަރުކާރާއި ރައްޔިތިން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 57 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކުރުބާ އައިލެންޑް ރިސޯޓްގައި ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާ އެކު ނެރެފައިވާ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑްގެ ޖަލްސާ އިން ނިންމާފައި ވަނީ ހިއްސާއަކަށް 57 ރުފިޔާ ބަހަން ކަމަށެވެ. އެ އަދަދު ބަހަން ފާސްވާނީ އާންމު ޖަލްސާގައި ވޯޓަށް އަހައި އަގުލަބިއްޔަތުން ފާސްވުމުންނެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ، 520 މިލިއަން ރުފިޔާ އެވެ. އޭގެ ކުރިން، 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. އެސްޓީއޯގެ ސާފު ފައިދާ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އެ ކުންފުންޏަށް މަދުވުމުންނެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައިވާ ގޮތުން މި މަސް ނިމުމުގެ ކުރިން ކުންފުނީގެ އާންމު ޖަލްސާ ބާއްވަން ޖެހެ އެވެ. އެހެން ނަމަވެސް ހިސާބުތައް އެކުލަވާލުމުގައި ލަސްތަކެއް ދިމާވެ، ޖަލްސާ އަންނަ މަހަށް ފަސްކުރަން ޖެހުނީ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އެސްޓީއޯގެ އާންމު ޖަލްސާގައި ދެން އޮންނާނީ މިދިޔަ އަހަރުގެ އާންމު ޖަލްސާގެ ޖައުމިއްޔާ ފާސްކުރުމާއި ހިސާބުތައް ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ހޮވާ ޑިރެކްޓަރެއް ހޮވުން އަދި އޮޑިޓް ކުންފުންޏެއް ކަނޑައެޅުމެވެ.