ރިޕޯޓް

އެމްޑީޕީން ހުރިހާ "ބާޣީން"ނަށް މާފުކުރީތަ؟

ޖޭޕީ - އެމްޑީޕީ ސިޔާސީ އެއް ޕްލެޓްފޯމަކަށް އައުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ފެނުނު ތަފާތު މަންޒަރުތަކާއި އަޑުތައް ގިނަ އެވެ. އެންމެ ހާއްސަ ކަމަކީ ފެބުރުއަރީ ހަތެއްގައި އެމްޑީޕީގެ ވެރިކަން ފުރޮޅާލުމުގައި އިސްކޮށް އުޅުނު ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެތައް ބަޔަކު ހަމަ އަސްލު ވެސް ކުށެއް ނެތް ބަޔަކަށް ވުމެެވެ.

މިސާލަކަށް ނަގަމާ ހިނގާށެވެ؛ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒަކީ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި ވެރިކަން ބަޣާވާތްކޮށްލުމާއި އޭގެ ފަހުން އެމްޑީޕީ ކުރި އިހުތިޖާޖުތަކުގައި ރައްޔިތުންނަށް އަނިޔާކުރުމުގެ މުގުލުގައި ހުރި މޭސްތިރި އެވެ. އެކަމަކު އެރޭ ރައީސް ނަޝީދު ވެސް އެމަނިކުފާނާ ސަލާމް ކުރެއްވި އެވެ. ކުރިން އެއީ ހަތުރުން ހެން ހީވެސް ނުވެ އެވެ. މީގެ ކުރިން ބާޣީން ކަމަށް ސިފަ ކުރި މީހުންނާ އެއް ޕްލެޓްފޯމަކަށް އެމްޑީޕީ އައީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟ އެ މީހުންނަށް އެމްޑީޕީން މިހާރު މާފުކުރީ ހެއްޔެވެ؟

ވެރިކަން ބަދަލުވީ ގޮތް ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓްގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ނިންމި ނަމަވެސް އަދި އެ ރިޕޯޓް ގަބޫލު ކުރެއްވި ނަމަވެސް ވެރިކަން ބަދަލުވި ގޮތް ގަބޫލު ކުރެވެން ނެތް ކަމަށާއި އެމްޑީޕީއަށް ވެރިކަން ލިބެން ޖެހޭ ކަމަށް ނަޝީދު ވަކާލާތު ކުރެއްވި އެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން އެމަނިކުފާނުގެ ވާހަކައިގެ ރާގު ބަދަލުވާން ފައްޓަވައިފި އެވެ.

ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެއްދެވުނު ގޯހެއް ކަމަށެވެ. އެ ނުބައި ހެއްދެވުމުގެ އަސްލަކީ އޭރުގެ ބައެއް ކެބިނެޓް މިނިސްޓަރުން ކަމަށް ވިދާޅުވެ އެކަން ކަނޑާލެއްވީ އެ ބޭފުޅުންގެ ބޮލަށެވެ. އަދި އަބްދުﷲ ގާޒީ އަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ އަކީ ނަޝީދުގެ ވެރިކަން ބަދަލުވުމުގެ އެއް އަސްލެވެ. އަދި ވެރިކަން ގެއްލި ވަޑައިގަތުމަށް ފަހު ވެސް ނަޝީދު އެކިފަހަރު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ދެން ވެސް ހައްޔަރު ކުރައްވާނެ ކަމަށެވެ. އެކަމަކު ވާހަކަ މުޅިން ބަދަލުވެ، އޮއްސާލީ ތައުރީފެވެ. އެހެން ވީމާ، ފެބުރުއަރީ ހަތަކީ ނަޝީދާއި އެމްޑީޕީ ސަރުކާރުގެ ގޯސްތަކުން ދިމާވި ކަމެއް ކަމަށް މިހާރު ނަޝީދު އެއްބަސްވެ ވަޑައިގަތް ކަމަށް ބުނުމުގެ ފުރުސަތު މި ވަނީ ބޮޑުވެފަ އެވެ.

ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ކޯނީގެ ރިޕޯޓްގައި ހުރި ވާހަކަތައް ގަބޫލު ކުރައްވާ ކަމަށް މިދިޔަ ހަފުތާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ވެރިކަން ފުރޮޅުނީ، "ބަޣާވާތެއް"ގެ ސަބަބުން ނޫން ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މަގުން ހިގައިގެން ގޮސް މި ވެރިކަން ވެސް ބަދަލު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ވެރިކަމަކީ "ބަޣާވާތެއް" ކަމަށް ބުނެ ނަޝީދު އިސްވެ ހުންނަވާ މަގުތައް ހަލަބޮލި ކުރި އެވެ. ރަށްރަށުން މީހުން ގެނެސް އުސްފަސްގަނޑަށް އެއްކޮށް، އެތަނުގައި ރައްޔިތުން ބައިތިއްބައިގެން އެތައް ބަޔަކާ ދިމާލަށް "ބާޣީ" އޭ ގޮވާ ފުރައްސާރަ ކުރި އެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ ޕާޓީގެ އެއްކަލަ މެންބަރުން ރެއާ ދުވާލު އުސްފަސްގަނޑުގައި ތިބެގެން ދެއްކިހާ ވާހަކަ އަކީ ދޮގެއް ކަމަށް ނަޝީދު އެއްބަސްވެ ވަޑައިގަތީ އެވެ. "ބަޣާވާތަ"ށް އެންމެ ބޮޑު ހަރަދެއް ކުރީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވި ނަމަވެސް އެންމެ ފަހުން ނަޝީދު ގާސިމާ އެކު ބައްދަލު ކުރައްވާ ވިދާޅުވީ، "ގާސިމަކީ އަބަދުވެސް ރާއްޖޭގެ އިސްލާހީ މަސައްކަތުގެ މުހިންމު ބައިވެރިއެއް" ކަމަށެވެ. އެމަނިކުފާނާ ނުލައި އިސްލާހީ މަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ވީމާ ފެބުރުއަރީ ހަތަކީ އިސްލާހީ މަސައްކަތެއް ކަމަށް ނަޝީދު ސިފަ ކުރައްވަނީ ހެއްޔެވެ؟ ނޫނީ މިއީ އަނެއްކާ ވެސް ސިޔާސީ ހީލަތްތެރި ކަމެއްގެ ތެރެއިން ފައިދާ ނަގަން އުޅުން ހެއްޔެވެ؟

އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަތަލެއް ކަމުގައި ބަލައިގެން ތިބޭ ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ ސާބިތުކަން ހިމެނެ އެވެ. ކޮޅުކޮޅަށް ވަޑައި ނުގެން ޑިމޮކްރަސީގެ މަގުގައި ހުންނެވުމަކީ އެމްޑީޕީން އެމަނިކުފާނަށް ބައިއަތު ހިފައި ސަބަބުކަމަށް އެ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެހެން ނަމަވެސް، "ބާޣީ"ން ކަމަށް ބުނި މީހުންނަށް އެހާ ފަސޭހައިން މާފު ދިނުމުން އެކަން ގަބޫލު ކުރަން އެމްޑީޕީގެ ބައެއް މެންބަރުންނަށް އުނދަގޫވެދާނެ އެވެ.

ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ބޭފުޅުންނާ ގުޅުން ހުރި މައްސަލަތައް ނުބަލައިގެން އެމްޑީޕީގެ ތެރެއިން ނަޝީދަށް ކުރިމަތިވި، ޕްރެޝަރާއި ފާޑުކިޔުން އޭރު ވަރަށް ގިނަ އެވެ. އެންމެ ބޮޑެތި ބާޣީން ކަމަށް ސިފަ ކުރި މީހުން، ގާޒީންނަށް ވީމާ އެކަން ހަޖަމް ކުރަން އަދި އުނދަގޫވެދާނެ އެވެ. އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ބުނެ މަގުމައްޗަށް ނިކުމެ، އެ މަސައްކަތުގައި އުޅުނު މީހުންނަށް "ބާޣީ"ން ހަމަ ޣާޒީންގެ ގޮތުގައި ބަލައި ގަންނަން އުނދަގޫވާނެ ނޫން ހެއްޔެވެ؟

އެކަމަކު ޑިމޮކްރަސީ ހޯދުމަށް ޑިކްޓޭޓަރަކާ އެކު އިށީނުމަކީ މައްސަލައެއް ނޫން ކަމަށް ބުނާ އެމްޑީޕީގެ މެންބަރުން ވެސް އެބަ ތިއްބެވެ. ނަމަވެސް، "ބާޣީ"ންނަކީ ޣާޒީން ކަމަށް ގަބޫލު ކުރާ ފޯމިއުލާއެއް ބަލައިގަތުމަށް އެމްޑީޕީގެ މެންބަރުންނަށް އުނދަގޫވާނެ އެވެ. އަދި އެއީ އުސޫލެއް ކަމުގައި ބަލައިވެސް ނުގެންފާނެ އެވެ. ނަމަވެސް އެމްޑީޕީގެ އިސްވެރިންނާއި ނަޝީދުގެ ބަސްމަގު ހުރި ގޮތުން، މިހާރު ދޭހަވަނީ ފެބުރުއަރީ ހަތަކީ ބަޣާވާތެއް ނޫން ކަމަށެވެ. އަދި އެކަމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހުންގެ ވެސް ކުށެއް ނެތް ކަމަށެވެ. އެހެން ވީމާ ބާޣީންނަށް މާފު ކުރީ ހެއްޔެވެ؟ ނޫނީ އޭރު ވެރިކަން ވައްޓާލުމުގެ ހަރަކާތަށް ވުރެ މިހާރުގެ ސަރުކާރު ގޯހީ ހެއްޔެވެ؟