ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހަނގުރާމައަށް ދާން އުޅުނު ތިން މީހަކަށް ދައުވާކޮށްފި

May 22, 2016
2

ސީރިއާގައި ކުރާ ހަނގުރާމާގައި ބައިވެރިވާން ދާން އުޅުނު ކަމުގެ ތުހުމަތުގައި ތިން ދިވެއްސަކަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ. ދައުލަތުން މި ދައުވާ އުފުލީ ވަނީ ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސޫ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރީ ފެބުރުއަރީ 15، 2015 ގައި ރާއްޖެއިން ތުރުކީއަށް އެތެރެވެ އެ ގައުމުގެ ބޯޑަރު ހުރަސްކޮށް ސީިރިއާ އަށް އެތެރެވެ އެ ގައުމުގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަަރާއި 20 އަހަރާ ދެމެދުގެ ހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެ އެވެ.

ސީރިޔާއަށް އެތެރެވާން އުޅުނު މި ތިން މީހުން ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް އެ އެންމެން ވެސް ރާއްޖެ ގެނައީ އެ މީހުންގެ މައުލޫމާތު ލިބުމާ ގުޅިގެން ތުރުކީގެ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ ތިން މީހުން ތުރުކީ ސިފައިންގެ އަތް ދަށުވީ، ތުރުކީ ބޯޑަރު ކައިރީގައި އެ ގައުމުގެ ސިފައިން ކޮނެފައިވާ އަނދަވަޅެއްގެ ތެރެއަަށް ވެއްޓި ސަލާމަތް ނުވެވިގެން އުޅެނިކޮށެވެ. ޖުމްލަ ހަތަރު ދިވެއްސަކު ހިމެނުނު ނަމަވެސް އެކަކު ސަލާމަތް ވެގެން ގޮސް ސީރިއާއަށް އެތެރެވި ކަމަށްވެ އެވެ.

ސީރިއާގެ ހަނގުރާމައިގައި 30 ހަކަށް ދިވެއްސަކު ބައިވެރިވާކަމަށް ސަރުކާރުން ލަފާކުރެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ އިރު އެއްބަޔަކު އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ އިރު އަނެއް ބަޔަކު ހަނގުރާމަ ކުރަނީ އަލްގައިދާގެ ޖަމާއަތެއް ކަމަށްވާ ނުސްރާ ފްރޮންޓާ ގުޅިގެންނެވެ. މީގެ ކުރިން ވެސް ސީރިއާއަށް ދާން އުޅުނު ބަޔަކު ބެންކޮކް އިންނާއި ސްރީލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވެ އެވެ. ސީރިއާގައި ހަނގުރާމައިގައި ބައެއް ދިވެހިން މަރުވެފައި ވެސްވެ އެވެ.