ރައީސް މުހައްމަދު ނަޝީދު

އިނގިރޭސި ސަރުކާރުން ނަޝީދަށް ހިމާޔަތްދީފި

  • ނަޝީދުގެ ހުންނެވީ "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގައި
  • ރާއްޖެ ވަޑައިގަންނަވާނީ އަމިއްލަ އިހުތިޔާރުގައި
  • ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން ވަނީ އެދިފައި

ބޭސްފަރުވާއަކަށް އިނގިރޭސިވިލާތުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހިމާޔަތް ދީފި އެވެ. ބޭސްފަރުވާއަކަށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް "އަވަސް"އަށް ވިދާޅުވީ، ނަޝީދު މިހާރު ހުންނެވީ "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގައި ކަމަށެވެ. އެއީ ރަސްމީކޮށް އިނގިރޭސި ސަރުކާރުން ނަޝީދަށް ހިމާޔަތް ދިނުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައީސް ނަޝީދު "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގައި، އެ ގައުމުގެ ސަރުކާރުގެ ހިމާޔަތުގައި ހުންނެވިއިރު އެމަނިކުފާނު އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވިއިރު، އެމަނިކުފާނު އިއްޔެ ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް ކެރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފަ އެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީ އަންނަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަސަން ވިދާޅުވީ، ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ ބޭސްފަރުވާ ނިންމާލެވޭނީ އެ މުއްދަތުގައި ކަމަށެވެ. އެހެން ނަމަވެސް، ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ނަޝީދު ބޭނުންފުޅުވާ ނަމަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމަށް ކަމަށް ވެސް ލޯޔަރު ވިދާޅުވި އެވެ.

މީގެކުރިން ވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމުން އެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފައިވެ އެވެ. އެ 30 ދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.