ހުޅުމާލޭ ސެންޓްރަލް ޕާކްގެ ލެޝާ ޒޯން

ހުޅުމާލޭ ސެންޓްރަލް ޕާކުގެ "ލެޝާ ޒޯން" ހުޅުވައިފި

ތަފާތު ހަތަރު ސެގްމެންޓަކަށް ބަހާލައިގެން އެޗްޑީސީން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ސެންޓްރަލް ޕާކުގެ "ލެޝާ ޒޯން" މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ. ޕާކްގެ ލެޝާ ޒޯން ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.

މިރޭ ހުޅުވި "ލެޝާ ޒޯން" އަކީ ހިތްގައިމު ބޮޑު ފެންގަނޑަކާއެކު ސެންޓްރަލް ޕާކުގައި އާއިލާތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސެގްމަންޓެކެވެ. ފެންގަނޑުގެ އިތުރަށް ވިނަ ހައްދާފައިވާ ކުޑަ ހިލްއެއް ވެސް މި ޒޯންގައި ތައްޔާރުކޮށްފައިވެ އެވެ.

ސެންޓްރަލް ޕާކުގެ ހަތަރު ސެގްމަންޓްގެ ތެރެއިން އެއް ސެގްމަންޓް މިހާރު ނިންމައި، އަނެއް ސެގްމަންޓްގައި އިސްލާމިކް ސެންޓާއަކާއި ބޮޑު ފައްވާރެއް ގާއިމްކުރަން ނިންމާފައިވާއިރު، ތިންވަނަ ސެގްމަންޓްގައި ގާއިމްކުރަން ނިންމާފައިވަނީ ލެޑް ލައިޓް ގާޑެން ޒޯނެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ހުޅުމާލެ ތަރައްގީކުރެއްވުމުގެ ބުރަ މަސައްކަތާ ހަވާލުވެވަޑައިގެން ހުންނެވި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، ކޮލިޓީ ލައިފްސްޓައިލެއްގެ ކުލަ ހުޅުމާލޭގައި ޖައްސައި، އެތަން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ އުންމީދުފުޅެއް ކަމަށެވެ. ކޮލިޓީ ލައިފް ސްޓައިލެއްގެ ކުލަ ހުޅުމާލޭގައި ޖެއްސުމަށްޓަކައި ހިތްފަސޭހަ މައިޒާންތައް ގާއިމް ކުރުމަކީ މުހިއްމު މަސްދަރެއް ކަމަށާއި ހުޅުމާލެ ދެވަނަ ފޭހާއި އެކު ތަރައްގީވެގެން ނިމޭއިރު 2.50 މީޓަރުގެ ބިން ހިތްފަސޭހަ މައިދާންތަކުގެ ގޮތުގައި ގާއިމްކުރާނެ ކަމަށެވެ.

ސައިމަން ވިދާޅުވީ "ސިޓީ އޮފް ހޯޕް"ގެ ގޮތުގައި ހުޅުމާލެ ދެކެމުން އަންނައިރު ރައްޔިތުންގެ އުންމީދުތައް ހަމަ އެކަނި މޮޅު ހައުސިން ޔުނިޓްތަކާއި ރީޓެއިލް އައުޓްލެޓް ތަކުން ފުރިހަމަ ނުވާނެ ކަމަށެވެ. ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބިމުގެ ގޮތުން ބޮޑު ހިތްފަސޭހަ މައިދާންތައް ގާއިމްކޮށްފައިވާ ކަމަށާއި އެފަދަ ކަންކަމަކީ ތަނުގެ ރީތިކަން ދެމެހެއްޓުމާއި ތަނުގައި ދިރިއުޅޭ މީހުންނަށް ރޫހީ ހިތްހަމަޖެހުން ގެނެސްދިނުން ކަމަށެވެ.

"ބޮޑު ހަރަދުކޮށްގެން މިކަހަލަ ޕާކުތައް ހެދުމުގެ ބޭނުމެއް ކޮބައިތޯ މީހުންނަށް ބައެއް ފަހަރަށް ހީވެދާނެ. އެކަމަކު ހަގީގަތުގައި ސިޓީއެއްގައި ކޮލިޓީ ލައިފްސްޓައިލެއްގެ ކުލަ ޖެހޭނީ އެފަދަ ތަންތަން ހުރެގެން. ހިތްފަސޭހަ މައިދާންތަކާއި ރީތި ޕާކުތައް ހުރުމަކީ ތަނުގެ ކޮމާޝަލް ވެލިއު ވެސް މަތިވާނެ ކަމެއް، އެހެންވީމާ އަޅުގަނޑުމެން މި ކުރި ހަރަދުވެސް ފޫބެދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ސައިމަން ވިދާޅުވި އެވެ.

ހަތަރު ސެގްމެންޓަށް ތަރައްގީކުރާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ދެން އެންމެ އަވަހަށް ތަރައްގީކުރަން ފަށާނީ އެތަނުގެ ފައުންޓެއިން ނުވަތަ ފައްވާރު ސެގްމަންޓެވެ. ފައްވާރު ސެގްމަންޓްގައި ގިނަ ފައްވާރުތައް ބަހައްޓާއިރު ބައެއް ފައްވާރު މިއަހަރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި ޔޫތު ޒޯން އެއްގެ ގޮތުގައި ޒުވާނުންނަށް ކަސްރަތު ކުރެވޭނެ ޖިމް ސެޓްއަޕެއްވެސް އަންނަ ޖުލައިމަހުގެ ތެރޭގައި އެތަނުގައި ގާއިމްކުރަން ވަނީ ނިންމާފަ އެވެ.

ޕާކްގައި އަޅާ އިމާރާތްތަކަށް ހޭދަވާ ހަރަދު ނުލައި ޕާކް ޒީނަތްތެރިކުރަން އެކަނި ވެސް 15 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.