ރާއްޖެ ކުޅިވަރު

ހަތަރު ރަށެއްގައި ދާއިމީކޮށް އެތްލެޓިކްސް ކޯޗުން ބައިތިއްބަނީ

ދެކުނުން ތިން ރަށަކާއި ހދ. ކުޅުދުއްފުށީގައި ދާއިމީކޮށް އެތްލެޓިކްސް ކޯޗުން ބައިތިއްބަން ނިންމައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ކޯޗުން ބައިތިއްބަން ނިންމާފައިވާ ދެކުނު ތިން ރަށަކީ އައްޑޫ ސިޓީގެ ހިތަދޫ އާއި ފުވައްމުލައް އަދި ގދ. ތިނަދޫ އެވެ.

މިއިން ކޮންމެ ރަށެއްގައި ބަހައްޓާ ކޯޗަކަށް މުސާރައިގެ ގޮތުގައި 2000ރ. އާއި 2250ރ. އާ ދެމެދުގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ މިއީ އަތޮޅުތެރޭގައި އެތްލެޓިކްސް އެންމެ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދުތަކުން މޮޅު އެތްލީޓުން އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަށް ހޮވޭ ކޯޗުންނަސް އެލެވަންސް ދޭނީ އިންޓަނޭޝަނަލް އެތްލެޓިކްސް ފެޑަރޭޝަނުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. މި ޕްރޮގްރާމަށް ކޯޗުން ހޯދާނީ އާއްމުކޮށް އިއުލާނުކޮށްގެންނެވެ. ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

އެތްލެޓިކްސް އަކީ ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ކުޅިވަރެވެ. ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އިއްޔެ ވެސް ވަނީ ޖެމެއިކާގެ މުބާރާތެއްގައި ވާދަކޮށް 200 މީޓަރުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ.