އަންނަ ބުދަ ދުވަހު ކައިވެނި ކުރަން ނިންމާފައިވާތީވެ ޔޫރޯ އަށް ތައްޔާރުވާ އިނގިރޭސި ގައުމީ ޓީމުން ޖިމީ ވާޑީ ވަގުތީގޮތުން ވަކިވެއްޖެ އެވެ.
މިހެންވެ އަންނަ ހުކުރު ދުވަހު އިނގިރޭސިން އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުކުޅޭނެ އެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ލެސްޓާ ސިޓީގެ ފޯވަޑް ވާޑީ އަކީ އިނގިރޭސި ގައުމީ ޓީމުގައި މިހާރު ހުރި އެންމެ މުހިންމު އެއް ފޯވަޑެވެ. އޭނާ ވަނީ ރޭ ތުރުކީ ކޮޅަށް ލަނޑު ޖަހައި އިނގިިރޭސީން މޮޅުކޮށްދީފަ އެވެ.
ކޯޗު ހޮޖްސަން އުމުރުން 29 އަހަރުގެ ފޯވަޑުގެ ކައިވެނީގެ ރަސްމިއްޔާތަށް ޓީމާ ވަކިވުމުގެ ހުއްދަދިނީ މިދިޔަ އަހަރު އޭނާގެ ކައިވެނި ކެންސަލްކޮށްފައިވާތީ އެވެ. އެއީ ޖޫން މަހު ކައިވެނި ކުރަން ނިންމާފައި އޮއްވާ ގައުމީ ޓީމަށް ކުޅެދޭނެ ހޮޖްސަން އެދުމުންނެވެ. އެއީ ޔޫރޯ ކޮލިފައިން މެޗަކާއި ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ.
"އޭނާ އޮތީ މިދިޔަ އަހަރު ކައިވެނި ކުރަން ނިންމާފައި. އަހަރުމެން އެދުނީމަ އޭނާ ކެންސަލްކޮށްފައި ގައުމީ ޓީމަށް އައީ. ފަހުން ޝެޑިއުލްކޮށްފައި އޮތީ މި އަހަރުގެ ޖޫން މަހަށް. އެހެންވީމަ އަހަންނަށް ހީވަނީ މިވަގުތު އޭނާ ކައިވެނިކުރަން އެ ފުރުސަތުދޭން ޖެހޭހެން. މީހުން ފަހަރެއްގައި ހައިރާންވެދާނެ މިނިންމުމަށް. އެކަމަކު އަހަންނަށް ހީވަނީ މީގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިނުވާނީ ކުޅުންތެރިޔާގެ ހައްގުތަކަށް ބަލައިގެންހެން،" ކޯޗު ބުންޏެވެ.
ހޮޖްސަން ބުނީ ގައުމީ ޓީމުގައި ވާޑީގެ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައި ނޫން ކަމަށާއި ކުޅުންތެރިޔާގެ މުހިންމު ކަމެއް އޮތުމުން އޭނާ ބޭނުންވަނީ އެފުރުސަތު ދޭން ކަމަށެވެ.
ލެސްޓާ ސިޓީ އަށް މި ސީޒަނުގައި 24 ގޯލު ޖަހާދިން ވާޑީ އަކީ ހެރީކޭންގެ ފަހަތުން ސީޒަނުގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.