ތުރުކީ އަތުން އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ރޭ ކުޅުނު މެޗުން 2-1އިން މޮޅުވިއިރު ޓީމުގެ އެޓޭކް ވަރުގަދަ ނަމަވެސް ފަހަތް ރަނގަޅު ކުރަންޖެހޭ ކަމަށް އެ ޓީމުން ބުނެފި އެވެ.
އަންނަ މަހު ފަށާ ޔޫރޯ އަށް ތައްޔާރުވުމަށް ކުޅުނު މި މެޗަށް ފަހު ކޯޗު ރޯއި ހޮޖްސަން މެޗަށް ފަހު ބުނީ އޭނާގެ ޓީމުގެ އެޓޭކް ފެނުނީ ރަނގަޅަށް ކަމަށާއި ހިތްހަމަޖެހޭ ވަރަށް ރަނގަޅު ކަންތައްތައް ފާހަގަ ކުރެވުނު ކަމަށެވެ.
"ތުރުކީ ކަހަލަ ޓީމަކާ ކުޅުނުއިރު އެމީހުން ވަނީ މެޗުގެ ބައެއް ވަގުތުތަކުގައި ވަރަށް ރަނގަޅަށް ކުޅެފައި. މީގެ މާނައަކީ އަހަރުމެން ކުރިއަށް އޮތް ތިން ހަފުތާތެރޭގައި ޓީމެއްގެ ގޮތުގައި ކުޅެން ރަނގަޅު ކުރަންޖެހޭ ކަންތައްތައް އެބަހުރިކަން. އެޓޭކް ހިތްހަަމަޖެހޭ ވަރުވި ނަމަވެސް ފަހަތުގައި އަހަރުމެން އަދި މަސައްކަތް ކުރަންޖެހޭ ކަންކަން އެބަހުރި،" ހޮޖްސަން ބުންޏެވެ.
މި މެޗުގައި އިނގިރޭސި ޓީމުގެ ފުރަތަމަ ގޯލު ޖެހީ މި ސީޒަނުގެ އިނގިރޭސި ލީގުގެ ރަންބޫޓު ހޯދި ހެރީ ކޭން އެވެ. އޭނާގެ މި ލަނޑަށް ފަހު ތުރުކީން ހަކާން އެއްވަރު ކުރި ނަމަވެސް އިނގިރޭސިން މޮޅުކޮށްދިނީ ޗެމްޕިއަން ލެސްޓާ ސިޓީގެ ފޯވަޑް ޖިމީ ވާޑީ އެވެ. އޭނާ އަކީ ކޭންގެ ފަހަތުން ދެ ވަނަ އަށް ސީޒަނުގައި ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ނަމަވެސް މި ލަނޑުގެ ކުރިން ލީޑު ހޯދަން އިނގިރޭސީންނަށް ލިބުނު ޕެނަލްޓީ ހެރީކޭން އަތުން ނާކާމިޔާބުވި އެވެ. މިއީ އެންމެ ފަހުން އިނގިރޭސިން ޖެހި 11 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.
ކެޕްޓަން ވޭން ރޫނީ ނުލައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި އާސެނަލްގެ ޖެކް ވިލްޝެއާ އާއި ޓޮޓެންހަމުގެ ޑެލޭ އަލީ ކުުޅުނެވެ. މީގެ ތެރެއިން ވިލްޝެއާގެ ވިދުން ފެނުނީ ފަނޑުކޮށެވެ.
މި މެޗަށް ފަހު އިނގިރޭސިން ދެން ކުޅޭނީ ހުކުރު ދުވަހު އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. މި މެޗުގައި ވާޑީ ނުކުޅޭނެ އެވެ. އެއީ އޭނާގެ ކައިވެނީގެ ރަސްމިއްޔާތު އޮތުމުންނެވެ.