މުހައްމަދު ސައީދު

ސައިކަލް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމައިފި

May 23, 2016
4

ރާއްޖޭގައި ސައިކަލް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.

ސްރީލަންކާގައި ހުންނަވައިގެން އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ސައިކަލް ޓެކްސީގެ ފުރަތަމަ ފަށާނީ މާލޭ ސަރަހައްދުގައި ކަމަށެވެ. އެކަން ކުރާނީ އެކަށީގެންވާ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސައިކަލް ޓެކްސީ ކުރުމުގެ ހުއްދަ އަންހެނުންނަށްވެސް ދެއްވާނެ ކަމަށާއި އަންނަ މަހުން ފެށިގެން ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދަ ދޭން ފަށާނެ ކަމަށާއި މި ހިދުމަތް ދޭން ފެށުމުން މާލެއަށް ލުއި ލިބޭނެ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސުމުން އަންހެން ޑްރައިވަރެއްގެ ފަހަތުގައި އަންހެން ކުދިންނަށް ޓެކްސީ ސައިކަލުގެ ހިދުމަތް ބޭނުން ކުރެވޭނެ، އެކަން ވެގެންދާނީ ރަނގަޅު ބަދަލަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ވަކިވަކި ފަރުދުންނަށް މި ހިދުމަތް ނުދެވޭއިރު، އަންނަ މަހުން ފެށިގެން ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ކުންފުނިތަކުން ހުށަހެޅޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސައިކަލުގެ ޓެކްސީ ދަތުރަކަށް ނަގަން އަދި ނިންމާފައި ވަނީ 10ރ. ކަމަށެވެ.