ހަބަރު

ރާއްޖެއިން ލަންކާއަށް 35،000 ޑޮލަރު ހަދިޔާކޮށްފި

ބޯކޮށް ވާރޭވެހި، ލަންކާގައި ހާލުގައި ޖެހުނު މީހުނަށް ދިވެހި ސަރުކާރުން 35،000 އެމެރިކާ ޑޮލަރު އެ ގައުމަށް ހަދިޔާކޮށްފިއެވެ.

ލަންކާގެ މިނިސްޓްރީ އޮފް ޑިސާސްޓާ މެނޭޖްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރު ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ލަންކާ ފަރާތުން އެހީއާއި ހަވާލުވީ މިނިސްޓާ އޮފް ޑިސާސްޓާ މެނޭޖްމަންޓް ޕްރިޔާދަރްޝަނާ ޔަޕާ އެވެ.

ދިވެހި ސަރުކާރުން މި އެހީ ދޭން ނިންމާފައިވަނީ އަވައްޓެރި ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ. އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުންނުވާ ކަމަށް ހައިކޮމިޝަނުން ބުނެފައިވާ އިރު މި ވިއްސާރާގެ ސަބަބުން ލަންކާގެ ބައި މިލިއަނެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.