ސިނަ މާލެ ބްރިޖް

ބްރިޖު މަސައްކަތަށް އިތުރު ދެ ބާޖް ގެނެސްފި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް އިތުރު ދެ ބާޖެއް މިއަދު މާލެ ގެނެއްސި އެވެ. މާލެ އާއި ހުޅުލެ އާއި ދެމެދު އަޅައި ބްރިޖުގެ މަސައްކަތައް ދެ ބާޖް ގެނެސްފައިވާއިރު މީގެ ކުރިންވެސް ވަނީ ބްރިޖް އަޅަން ހަތަރު ބާޖާއި އެއް ޓަގު ބޯޓު އަދި ދެ ފްލޯޓިން ކްރޭން ރާއްޖެ ގެނެސްފަ އެވެ.

ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތައް ބޭނުންވާ އިތުރު ބާޖުތަކުގެ ޝިޕްމަންޓް މިއަދު ރާއްޖެ އައިސްފަވާ ކަމަށެވެ.

ބްރިޖުގެ މަސައްކަތައް މީގެ ކުރިން 8500 ޓަނަށް ވުރެއް ގިނަ ސާމާނު ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި އެކްސްކަވޭޓާތަކާއި ޑްރެޖިން އަށް ބޭނުންވާ ހޮޅިތަކުގެ އިތުރުން މެޝިނަރީތައް ހިމެނެ އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ވެސް ދައްކައި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރީ ޗައިނާ އިން ގެނައި ބްރިޖުގެ ސާމާނު ކަމަށެވެ.

ބްރިޖު އެޅުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާއިރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބްރިޖު އަޅަން ބޭނުންވާ ޕްލެޓްފޯމްތައް ޖެހުމުގެ މަސައްކަތެވެ. އެގޮތުން ފަސް ޕްލެޓްފޯމަކާއި ޓްރެސިލް ބްރިޖެއް އަޅަން ހަމަޖެހިފައިވާ އިރު މިވަގުތު ދަނީ ފަސް ވަނަ ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ނެވެ. ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދޭ ގޮތުގައި ޕްލެޓްފޯމްތަކުގެ މަސައްކަތް ނިމުމުން ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށިގެން ދާނެ އެވެ.

ބްރިޖްގެ މަސައްކަތުގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.