ރައީސް އަބްދުﷲ ޔާމީން

"ހިމާޔަތް ހޯދިޔަސް ރާއްޖެ ނިކަމެތި ކޮށްގެން ނުވާނެ"

  • އިދިކޮޅު ފަރާތްތަކުގެ ބަސް އޮންނަން ވާނެ
  • ގާނޫނީ ސަރުކާރެއް ވައްޓާލަން ނުނުކުންނަވާނެ
  • ރާއްޖެ ނިކަމެތި ކުރާ މީހުން ތިބީ ހިމާޔަތް ހޯދައިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވި ނަމަވެސް ރާއްޖެ ނިކަމެތިވެ، ދިވެހިން ރިޒްގުން މަހުރޫމް ކުރަން މަސައްކަތް ނުކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ހއ. ހޯރަފުށީގެ ނަރުދަމާ އިފްތިތާހު ކުރުމަށާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ވަޑައިގެން ހޯރަފުށީގައި ހުންނަވައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަކީ މައުސޫމް ބައެއް ކަމަށާއި އެ ދައުލަތް ނުބައި ގޮތްގޮތައް ބޭރު ގައުމުތަކުގައި ކުރެހެނީ، ގައުމަށް ޣައްދާރުވާ ބަޔަކު ހުތުރު ގޮތަކަށް ރާއްޖެ ސިފަ ކުރަން މަސައްކަތް ކުރާތީ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ ނިކަމެތި ކުރަން ވާހަކަދައްކާ ބޭފުޅުން މިހާރު ބޭރުގައުމުތަކުގައި ހިމާޔަތް ހޯދަވައިގެން އުޅުައްވާ ކަމަށާއި އެފަދަ ފަރާތްތަކުން ގައުމު ބަދުނާމު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

ރައީސް އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިނގިރޭސީ ވިލާތުން ހިމާޔަތް ހޯއްދަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ބަޔަކު ބޭރުގައުމުގެ ހިމާޔަތް ހޯދަވައިގެން ތިއްބަސް ދިވެހި ރައްޔިތުން ދިރިއުޅެން ބޭނުންވާ ކަމަށާއި އެހެން ކަމުން ރާއްޖެ ބަދުނާމު ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

"50 އަހަރުގެ މިނިވަންކަން އަޅުގަނޑުމެން ފާހަގަ ކުރަމުން ދާއިރު، މި 50 އަހަރުގެ ކުރިން ވެސް މި ކަހަލަ ދާއިމީ ހިމާޔަތްކަން ހޯއްދެވި ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން އަޑުއެހިން. ތާރީހުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނޭ. 50 އަހަރު ފަހުން އަނެއްކާވެސް އެފަދަ ފަރާތްތައް ހިމާޔަތް އެ ހޯދައްވަނީ. ކޮންމެއަކަސް ހިމާޔަތް ހޯއްދަވައިގެން ވެސް އަޅުގަނޑުމެންގެ ރައްޔިތުން އުޅެން ބޭނުންވާނެ ތަނެއް ބޭނުންވާނެ ކަން ގަބޫލު ކުރަން ޖެހޭ. އެހެންކަމަށް ވަނީ ނަމަ އެތަނަކަށް ނިކަމެތި ކަމެއް ގެނެސް ރިޒްގުން މަހުރޫމް ކުރަން ވާހަކަ ދެއްކުމަކީ ކޮށްގެން ނުވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތުގައި ތިބެގެން ވެސް ސަރުކާރަކުން ގާނޫން އަސާސީއާ ހިލާފަށް މަސައްކަތް ކުރާ ނަމަ ރައްޔިތުންގެ ބަސް ބުނަން ޖެހޭނެ ކަމަށާއި އެނޫން ނަމަ ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް ފަސް އަހަރު ވަންދެއް މަސައްކަތް ކުރުމަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ނުހޮއްވަވާ ގެއަށް ފޮނުވާލެއްވި ނަމަވެސް ސަރުކާރު ވައްޓާލާކަށް މަގުމަތީގައި އުޅުއްވާ ތަން ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑަކީ ހިދުމަތް ކުރަން ރައްޔިތުން އަރިހަށް އައި މީހެއް. ސިޔާސީ މަސައްކަތް ކުރަން އައި މީހެއް ނޫން. ރައްޔިތުންގެ ނިންމެވުމަކީ އަޅުގަނޑު އިހްތިރާމް ކުރާނެ ނިންމެވުމެއް. ހަމަ ގައިމުވެސް 2018 ވަނަ އަހަރުގެ އިންތިހާބުގެ ވޯޓުން ރައްޔިތުން އަޅުގަނޑު ގެޔަށް ފޮނުވާލައިފި ކަމަށް ވަނީ ނަމަ ގާނޫނީ ސަރުކާރެއް އުފެދިފައި އޮންނަ އިރު އެ ސަރުކާރެއް ވައްޓާލަން މަގުމަތިން ފެންނާނެ މީހަކަށް އަޅުގަނޑެއް ނުވާނެ" ރައީސް ޔާމިން ވިދާޅުވި އެވެ.