ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް 2015 ވަނަ އަހަރުގެ އޮގަސްޓް މަހު ފަށާފައިވާއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއަަކީ ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ ގިރާ ސަރަހައްދަށް 14،760 ކޮޑިމީޓަރަށް ވެލިއަޅައި ރަށުގެ އިރު އުތުރު ފަރާތުން 570 މީޓަރަށް އަދި ހުޅަނގު ދެކުނު ފަރާތުން 230 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކޮށްފައި ވެއެވެ. އަދި ޕަމްޕް ސްޓޭޝަން ތިނެއް ކައިރިން 80 މީޓަރުގެ ބޮޑު ހިލަ ޖަހައިގެން ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްފަ އެވެ.
ގޮނޑުދޮށް ހިމާޔަތްކޮށް ނިމުން އިފްތިތާހުކޮށް ދެއްވުމަށް ރައީސް ހޯރަފުއްޓަށް ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުންނާއި ޕީޕީއެމްގެ އިސްވެރިން އެރަށަށް ވަޑައިގެންފައި ވެއެވެ. އެރަށަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.