ހޯރަފުށީ އެއާޕޯޓް

ހޯރަފުށީ އެއާޕޯޓް ބިމަށް އެއް ލައްކަ ގަސް

ހޯރަފުށި އެއާޕޯޓް ސަރަހައްދުގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހޯރަފުށި ކައުންސިލުން ބުނީ އެއާޕޯޓް ސަރަހައްދުގައި އެއް ލައްކަ ގަސް އިންދަން ނިންމީ އެއާޕޯޓް ސަރަހައްދު ފެހި ކުރަން ކަމަށައި އާ އަހަރުގެ ފުރަތަމަ ދުވަހު ހަވީރު އެ ޕްރޮގްރާމް ފަށަން ހަރަކާތެއް ބާއްވާނެ ކަމަށެވެ. އެ ހަރަކާތުގައި ހޯރަފުށީގެ ހުރިހާ ރައްޔިތުން ބައިވެރިވާން ކައުންސިލުން އެދިފައި ވެއެވެ.

ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ އެ ޕްރޮގްރާމަކީ ހޯރަފުށީ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިއްސުރެ ރާވާ ޕްރޮގްރާމެއް ކަމަށާއި މިހާރު ވެސް އެ ސަރަހައްދުގައި ގަސް އިންދަން ފަށާފައިވާ ކަމަށެވެ.

"އެ ސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތް އެއާޕޯޓް ޕްރޮޖެކްޓާއެކު ފަށައިފިން، އެ ގޮތުން ކައިރި ރަށްރަށުންނާއި އެކި ގޮތް ގޮތުން ގަސް ހޯދައިގެން މިހާރު ވެސް އެ ސަރަހައްދުގައި ކޮންމެ ވެސް ވަރަކަށް ގަސް އިންދާފައިވޭ،" ޝާކިރު ވިދާޅުވި އެވެ.

ކައުންސިލްގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެއް ލައްކަ ގަސް އިންދުމަށް ހޯރަފުށި ކައުންސިލުން ނިންމި ނިންމުމަކީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ. އަދި އެއީ 2020 ވަނަ އަހަރު ފަށަން ވެސް ވަރަށް ފުރިހަމަ ގޮތެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައި އޮތީ ހޯރަފުއްޓާ ކައިރީގައި އޮންނަ މާފިނޮޅުގަ އެވެ. ނަމަވެސް މާފިނޮޅުގެ ފެހިކަން ހަލާކު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހޯރަފުށި ފަޅުގައި ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓް އެޅުމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އެ ކުންފުނީގެ ކޮންނަ ބޯޓު މަހާޖައްރާފު ބޭނުންކޮށްގެން ހޯރަފުށި އެއާޕޯޓަށް ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ނިންމާލާފަ އެވެ. އެ ގޮތުން 345،500 އަކަ މީޓަރު ވަނީ ހިއްކައިފަ އެވެ.