އައިހެވަން

މިއަހަރު އައިހެވަން މަޝްރޫއުގެ ބިން ހިއްކަން ފަށާނަން: ރައީސް

އުތުރުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގެ ނަރުދަމާ އިފްތިތާހު ކުރުމަށާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވުމަށް ވަޑައިގެން ހޯރަފުށީގައި ހުންނަވައި ރައީސް ވިދާޅުވީ އައިހެވަންގެ މަޝްރޫއަކީ ދާދިފަހުން ފެންމަތިވި ކުޑަ ކުޑަ ހިޔާލެއް ނޫން ކަމަށާއި އެމަނިކުފާނު ޓްރޭޑް މިނިސްޓްރީގައި އުޅުއްވި އިރުގައި ވެސް އިހަވަންދިއްޕޮޅުގައި އެ މަޝްރޫއުތައް ކުރިޔަށް ގެންދަން ބޭނުންވެފައި ހުންނެވި ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކާއި ބޮޑެތި ބައްރުތައް ކައިރީގައި ރާއްޖެ އޮންނަ އިރު އައިހެވަން މަޝްރޫއުގެ ތެރެއިން ސީޕޯޓެއް ގާއިމް ކުރުމުން ބޮޑެތި ވިޔަފާރީގެ މަންފާ ރާއްޖެއަށް ލިބިގެންދާނެ ކަމަށް އޭރު ވެސް ދެކެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ އައިހެވަން ފަދަ ބޮޑެތި ޕްރޮޖެކްޓުތަކު ތެރެއިން ގިނަ މަޝްރޫއުތަކެއް އެއްފަހަރަކާ ފަށަން ފަސޭހަ ނުވާނެ ކަމަށާއި އެކަން ހެޔޮ އަގެއްގައި ކުރަން ބޭނުންވާ ނަމަ އިންތިޒާރެއް ކޮށްލަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ތެރޭގައި އައިހެވަންގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ނަސީބަކީ ގުދުރަތީ ރީތިކަމުގެ އިތުރުން އަޅުގަނޑު މެން އޮތް ސަރަހައްދުގެ މުހިންމުކަން. އެ ސަރަހައދުގައި އެފަދަ ނަފާ ނެގުމުގެ ފުރުސަތު އެބައޮތް. އައިހެވަންގެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށްވާނެ. މި މަޝްރޫގެ އަމަލީ މަސައްކަތުގެ ބިން ހިއްކުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭ ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޮޑެތި ފަޅުތަކާއި ރައްތެކެއް ރާއްޖޭގައި އޮންނަ އިރު ބިން ހިއްކުމުގެ ނަފާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށާއި ބިން ބޮޑު ކުރުމަކީ ކުރިޔަށް އޮތްތާނގައި ރާއްޖޭގެ ރައުސުލްމާލަށް އިތުރު ކުރެވޭ އެންމެ ބޮޑު ރައުސޫމާލު ކަމަށެވެ. އެހެން ކަމުން އޭގެ ބޮޑު ފައިދާއެއް ލިބޭނީ އަމިއްލަ ކުންފުނިތަކާއި އެ މަސައްކަތް ހަވާލުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ގިނަ މަސައްކަތްތައް ކުރަމުން ދަނީ ބޭރުގެ ކުންފުނިތަކުން. [ހުޅުމާލޭގެ] ދެވަނަ ފިޔަވަހި ހިއްކުންވެސް ކުރީ ބޭރުގެ ކުންފުންޏަކުން. ކީވެގެންތޯ އަޅުގަނޑުމެންގެ މުއްސަނދިކަން އެހެން ބަޔަކަށް ދޭންވީ. އަޅުގަނޑުމެންގެ ކުންފުންޏެއް ލައްވާ މިކަން ކުރެވިއްޖެ ނަމަ އެކަން މާ މޮޅު އިތުރު. ޝައްކެއްވެސް ނެތް ގޮތުގައި ދިވެހި ކުންފުންޏަށް ލިބޭ މަޝްރޫއުތަކަކީ އިތުރު ވަޒީފާތަކެއް ޒުވާނުންނަށް ހުޅުވިގެން ދިޔުން. އަދި ތަނަވަސްކަން އިތުރުވެގެން ދިޔުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޮތުގައި ހުޅުމާލޭގެ ބިން ހިއްކި ކުންފުނި ފެންވަރުގެ ބޮޑު ކުންފުންޏަކަށް އެމްޓީސީސީ ހަދަން މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އެމްޓީސީސީން ބަންނަ ޑްރެޖަރު ގެނެސް އައިހެވަންގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެއިން ކުރާނެ ކަމަށެވެ.