ހަބަރު

އައިހެވަން މަތިން ހަނދާނެއް ނުނެތޭ، އެ މަޝްރޫއު ހިނގާނެ: ރައީސް

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، "އައިހެވަން" ގެ މަޝްރޫއު މަތިން ހަނދާން ނުނެތޭ ކަމަށާއި އެ މަޝްރޫއު އަދިވެސް ކުރިޔަށް ގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުތުރުގެ ތަރައްގީއަށް އެންމެ ބިޔަ އަދި ވަރުގަދަ އައިހެވަން މަޝްރޫއު މަތިން ހަނދާން ނުނެތޭ ކަމަށާއި ތަރައްގީގެ ޗާޓުން އެ މަޝްރޫއު ނެއްޓިގެން ވެސް ނުދާ ކަމަށެވެ. ނަމަވެސް ސަބަބުތަކެއް ހުރެގެން އެ މަޝްރޫއު މަޑު ޖެހިފައިވާ ކަމަށާއި މިއަދު އެ ސަބަބުތައް ވިދާޅުވެވެން ނެތް ކަމަށެވެ. ނަމަވެސް އެހެން ފޯރަމެއްގައި އެ ސަބަބުތައް ވިދާޅުވެ ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އައިހެވަން މަޑުޖެހިފައި އޮތް ސަބަބު ދައުލަތަށް އެންމެ އުނދަގޫ ކަންކަން ދިމާވަނީ ކޮން ކަމަކާ ގުޅިގެންކަން ދޭހަވާ ވަޒީރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެއީ ފައިސާ ނެތުމުން ނުވަތަ އިންވެސްޓު ކުރާނެ މީހުން ނެތުމުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބިޔަ ބޮޑު ކަނޑެއްގެ އޮންނަ ޖަޒީރާ ގައުމަކަށް ރާއްޖެ ވާއިރު ބިޔަ ބޮޑެތި ރާޅު ބީއްސާކަން ވެސް އެނގެން ޖެހޭ، އަޅުގަނޑުމެެން ނިންމާ ކަންކަމާ ދޭތެރޭ އެކި ފަރާތްތަކުގެ ފިއްތުންތައް ހުންނަވަރު ރައްޔިތުންނަށް އެނގޭ، އެހެންކަމުން ކަންކަން ކުރުމުގައި ދަތިތައް ހުންނާނެކަން ވެސް ގަބޫލު ކުރައްވާ، އެހެންވެ އަޅުގަނޑުމެން ބޭނުންވާ ބާރު މިނުގައި މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ނުގެންދެވެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައިހެވަން މަޝްރޫއާ ގުޅިގެން ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވި ނަމަވެސް އެ މަޝްރޫއު ކުރިޔަށް ނުގޮސް އޮތުމުގައި އިދިކޮޅު ފާޑު ކިޔުންތެރިންގެ ކިހާ ބޮޑު ދައުރެއް އޮތް ކަމަށް އެ ފަރާތްތަކަށް އެނގިވަަޑައިގަންނަވާނެ ކަމަށެވެ. އަދި ފ. އަތޮޅުގައި ހިންގަން އުޅުން މަޝްރޫއު ނުހިނގާ ލަސްވެފައި އޮތީ ވެސް އެ ފަރާތްތަކުން ހުރަސް އަޅައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަރައްގީގައި ކުރިޔަށް ދާން މަސައްކަތް ކުރާ އިރު އަޅުގަނޑުމެންގެ ތެރެއިން މި ހުރަސް އެޅެނީ، އޭގެ މީހުން އިދިކޮޅު މީހުންނަށްވެ، ރައްޔިތުންނަށް ތަރައްގީ ގެންނަ ވާހަކަ އެ ދައްކަވަނީ، އެ ވާހަކަ ދައްކާ ކަމަށްވަންޏާ މީގެ ކުރިން މަޝްރޫއުތަކަށް ހަދާފައި ހުރި ގޮތް އެ މީހުން އެބަޖެހޭ ފޮތްތަކުން ރައްޔިތުންނަށް ހުޅުވާލަން،" ރައީސް ވިދާޅުވި އެވެ.

އައިހެވަންގެ މަޝްރޫއުގެ މާސްޓާ ޕްލޭން ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލު ކުރީ މ2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ކޮންމެ އަހަރަކު އެ މަޝްރޫއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް އެ މަޝްރޫއު ކުރިޔަށް ނުދެ އެވެ. ނަމަވެސް މާސްޓާ ޕްލޭން ވަނީ ހަދާ ނިންމައިފަ އެވެ.