ށ. ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ބަލަން ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) އަހުމަދު އަލީ އަވަސްއަށް ވިދާޅުވީ ފުނަދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައި ހުރިކަން ފާހަގަވީ މިއަދު ހެނދުނު ކަމަށެވެ.
އޭނާ ވިދާޅުވީ މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައި އެޑިއުކޭޝަން މިނިސްޓްރީން ވެސް މިކަން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ސްކޫލުތަކުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޕީއެސް ވިދާޅުވެ އެވެ.
ސިޔާސީ ބޭނުމަކަށްޓަކައި އިންޑިއާގެ ޓީޗަރުންގެ ރައްކާތެރިކަމާއި ދަރިވަރުންގެ އުނގެނުމަށް އަސަރުކުރާނެ ކަންކަން ނުކުރުމަށް ވެސް ޕީއެސް އިލްތިމާސްކުރައްވަ އެވެ.
އިންޑިއާ އައުޓް ފުނަދޫގެ ސްކޫލުގެ ފާރުގައި ލިޔުނުއިރު މިދިޔަ ހުކުރު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރަށަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވަނީ ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހަން ގޮވާލައްވައިފަ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު އަވަސްއަށް ވިދާޅުވީ ސްކޫލުތަކުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހަން ރައީސް ޔާމީން ގޮވާނުލައްވާ ކަމަށާއި އަދި މިކަން ކޮށްގެން އުޅެނީ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅު މީހުން ޕީޕީއެމްގެ ސަޕޯޓަރުން ބޮލުގައި އިލްޒާމެއް އެޅުވުމުގެ ގޮތުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
"މިކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައީ ވެސް މިނިސްޓަރު މަހުލޫފް ފޮޓޯތައް އާންމުކުރި ފަހުން. މިކަން އެނގުމާއެކު ވާނީ "އިންޑިއާ އައުޓް" ޖަހާފައި އޮތް ތަން ފުހެލާފައި" އިބްރާހިމްފުޅު ވިދާޅުވި އެެވެ.
"އިންޑިއާ އައުޓް"ގެ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ޕީޕީއެމްއިން މިހާރު ދަނީ ހިންގަމުން ނެވެ. ރަށްރަށުގައި ހުއްޓުމެއްނެތި މި ހަރަކާތް ހިންގި ނަމަވެސް މާލޭގައި ހިންގާ ހަަރަކާތްތަކަށް ފުލުހުން ދަނީ ހުރަސް އަޅަމުން ނެވެ. އަދި ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަނީ މި ހަރަކާތާ ދެކޮޅުކަން ހާމަކުރައްވައިފަ އެވެ.