މުހްތާޒު މުހުސިން

ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަކީ ކޮބައިކަން އެނގޭ: މުހުތާޒް

ދައުލަތުން ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅައިފި އެވެ. ދައުލަތުން ވަނީ ސިއްރު ހެއްކީންނާއެކު ގިނަ އަދަދެއްގެ އެހެނިހެން ހެކި ވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

ދައުލަތުން މުހުތާޒްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތަކަށް ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދައްކަން ލިޔުމެއް އުފެއްދުމުގެ ދައުވާ އަދި ޓެރަރިޒަމްގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ސިއްރު ހެކިންނާއެކު ގިނަ ހެކިންތަކެއް ހުށަހަޅާފައިވާއިރު އެންމެ ގިނަ ހެކިން ހުށަހަޅާފައިވަނީ ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށްދިނުމަށެވެ. އެގޮތުން މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ސިއްރު 10 ހެއްކެއް ހުށަހަޅާފައިވެ އެވެ. އޭގެއިތުރުން، ފަސް ފުލުހަކާއި ގާޒީ ނިހާން ހައިކޯޓަށް ދީފައިވާ ބަޔާނާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާ އާއި ޗީފް އިނިސްޕެކްޓަ އަހުމަދު މުސްލިމާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ ނަން ވަނީ ހުށަހަޅާފަ އެވެ.

ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ސިއްރު ތިން ހެއްކަކާއި މުސްލިމް އަދި ހަމްދޫނުގެ އިތުރު ހަތަރު މީހެއްގެ ނަން ހުށަހަޅާފަ އެވެ. ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ ސާބިތުކުރުމަށް ވެސް ހަމްދޫނާއި މުސްލިމުގެ ނަން ވަނީ ހުށަހަޅާފަ އެވެ. އޭގެއިތުރުން ފޮރެންސިކް ރިޕޯޓަކާއި އިތުރު ހަ މީހެއްގެ ނަން ހުށަހަޅާފަ އެވެ.

މުހުތާޒުގެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ. މުހުތާޒު ހުށަހެޅުއްވި ހެކިންނަކީ ދައުލަތުން ވެސް ހުށަހެޅި ހެކިންނެވެ. މިއަދުގެ އަޑުއެހުމުގައި މުހުތާޒު ވަނީ، ދައުލަތުން ހުށަހެޅި ސިއްރު ހެކިންނަކީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

މުހުތާޒު ވިދާޅުވީ، ސިއްރު ހެކިންގެ މައުލޫމާތު ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުގައި ހުރި ކަމަށާއި އެކަން އެގޮތަށްވެފައިވަނީ ކޯޓުތަކުގެ ނޭއްގާނީ ކަމުން ކަމެއް ނުވަތަ ޕީޖީ އޮފީހުގެ ބޭފުޅުންގެ ވިސްނުން ނެތުމުން ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މުހުތާޒު ވަނީ ކޯޓަށާއި ޕީޖީ އޮފީހަށް މިއަދު ފާޑު ވެސް ވިދާޅުވެފަ އެވެ.

މުހުތާޒު ހުށަހެޅި ހެކިން:

  • ޗީފް އިނިސްޕެކްޓަ އަހުމަދު މުސްލިމް
  • ޗީފް ސްޕްރިންޓެންޑެންޓް ހަމްދޫން ރަޝީދު
  • ޑެޕިއުޓީ ކޮމިޝަނަ އަހުމަދު ސައުދީ
  • ސްޓާފް ސާޖެންޓް އަބުދުﷲ މަސީހު
  • ސާޖެންޓް އަލީ ވަސީމް
  • ސްޓާފް ސާޖެންޓް އަލީ އަހުމަދު
  • ސްޓާފް ސާޖެންޓް ސިރާޖު އަބުދުލް ގާދިރު
  • ހ.ރީތިމާކޯނި މުހައްމަދު ނިޝާމް

މުހުތާޒުގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ދައުވާ ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ކުށުން ބަރީއަތްވާކަން ސާބިތުކޮށްދޭން ޖެހުމަކީ އަރަތެއް ކަމަށެވެ.