ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން ފްރޮފެޝަނަލް ފުޓްބޯޅަ ކުޅެންފެށިތާ އަދި އެންމެ ތިން އަހަރެވެ. ނަމަވެސް 18 އަހަރުގެ ކުޅުންތެރިޔާ އަށް މިހާތަނަށް ވަނީ އަށް ތަށި ލިބިފަ އެވެ. މިއީ މި އުމުރުގައި ކުޅުންތެރިން ތަށީގެ އުއްމީދުގައި ތިބޭ ދުވަސްވަރެވެ.
ބޮރޫޝިޔާ ޑޯޓްމުންޑް ބަލިކޮށް، އިއްޔެރޭ ޖަރުމަނު ކަޕް ބަޔާން ކާމިޔާބު ކުރުމުން ކިންގްސްލީގެ ޓްރޮފީ ކެބިނެޓްގައި މިހާރު އަށް ތަށި އެބަހުއްޓެވެ. އެއީ މިމަހު ކުރީކޮޅު ލިބުނު ޖަރުމަނު ލީގުގެ ޝީލްޑާ ވެސް އެކުގަ އެވެ.
ކިންގްސްލީ ވަނީ ތިން އަހަރު ތެރޭގައި ތިން ގައުމެއްގެ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ އޭނާ ހޯދީ 2014 ވަނަ އަހަރު ފްރާންސް ލީގެވެ. އެ ޓީމަށް އެންމެ ތިން މެޗު ކާމިޔާބުކޮށްދިން ނަމަވެސް ޖެހިގެން އައި އަހަރު އިޓަލީގެ ޔުވެންޓަސްގައި އިޓާލިއަން ލީގު އޭނާ ކާމިޔާބުކުރި އެވެ. އަދި ލޯނު ކުޅުންތެރިއެއްގެ ގޮތުގައި ބަޔާން މިއުނިކާ ގުޅި އޭނާ ވަނީ ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ.
ފްރާންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު އޭނާ ކާމިޔާބުކޮށްފައިވާ އެހެން ތަށިތަކަކީ ޖަރުމަނު ކަޕާއި ފްރެންޗް ކަޕާއި އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕެވެ.
މި ހުރިހާ ކާމިޔާބީ އެއްް ހޯދިއިރު ތިން އަހަރު ތެރޭގައި އޭނާ ކުޅެފައިވަނީ އެންމެ 44 މެޗެވެ. އެއީ ޕީއެސްޖީ އަށް ކުޅެދިން ތިން މެޗާއި ޔުވެންޓަސް އަށް ކުޅުނު 15 މެޗާއި ބަޔާން މިއުނިކަށް ކުޅެދިން 23 މެޗާއި ގައުމީ ޓީމަށް ކުޅުނު ތިން މެޗެވެ. އޭނާ ޖަހާފައިވަނީ ފަސް ގޯލެވެ. އެއީ ބަޔާން އަށް ޖަހައިދިން ހަތަރު ގޯލާއި ގައުމީ ޓީމަށް ޖެހި ގޯލެކެވެ.
ކިންގްސްލީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ގޯލަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ޔުވެންޓަސް ކޮޅަށް ޖެހި ގޯލެވެ.
ފެބްރުއަރީ 17، 2003ގައި ފުޓްބޯޅަ ކުޅެން ފެށި ކިންގްސްލީ މިހުރިހާ ކާމިޔާބީއެއް ހޯދިއިރު މިއީ ދުނިޔެދެކެފައިވާ މޮޅު ކުޅުންތެރިން ކަމަށްވާ ލަޔޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިއުމުރުގައި ހޯދިފައިނުވާ ކާމިޔާބީއެކެވެ. މެސީ އަށް 19 އަހަރު ފުރުނުއިރު ލިބިފައިވަނީ ފަސް ތައްޓެވެ. އެއީ ދެ ސްޕެނިޝް ލީގާއި ދެ ސްޕެނިޝް ސުޕަ ކަޕާއި ޗެމްޕިއަންސް ލީގެކެވެ. ރޮނާލްޑޯ އަށް 19 ފުރުނުއިރު ލިބުނީ އިނގިރޭސި އެފްއޭކަޕް އެކަންޏެވެ.