އަންނަ ފަހު އަމިއްލަ ގައުމުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑިފެންޑަރު ރަފޭލް ވަރާނޭ އަށް ކުޅެވޭނެ ކަމާމެދު ސުވާލުއުފެދުމުން ސެވިއްޔާގެ އާދިލް ރަމީ ލައްވައި ފަރިތަކުރުވަން ފަށައިފި އެވެ.
ރަމީ އަކީ ސެވިއްޔާ އަށް މިސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ޑިފެންޑަރެކެވެ. ވަރާނޭ އަކީ ރެއާލް މެޑްރިޑުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް މާދަމާ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ޝައްކު އުފެދިފަ އެވެ.
ފްރާންސް ޓީމު ކޯޗު ޑިޑިއޭ ޑެޝޯން ފައިނަލް ކުރީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް ވަރާނޭގެ އަނިޔާގެ ސަބަބުން އޭނާ އާއި އާދިލް ރަމީ ކުރެ ޓީމުގައި ހިމަނާނެ ކުޅުންތެރިއަކު ފައިނަލް ކުރާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަލާފަ އެވެ.
"ރަފޭލް ވަރާނޭގެ އަނިޔާގެ ސަބަބުން އަަހަރުމެން މިދަނީ ރެއާލް މެޑްރިޑުގެ މެޑިކަލް ޓީމުގެ ފަރާތުން އިތުރު މައުލޫމާތު އޮޅުންފިލުވަމުން. މިވަގުތު ކޯޗު ވަނީ އާދިލް ރަމީ ޓީމަށް ގެނެސްފައި،" ފްރާންސް ފެޑަރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ރެއާލްއިން އިއްޔެ ބުނެފައިވަނީ ވަރާނޭގެ ފާތު ފަޔަށް ލިބިފައިވާ އަނިޔާ އަކީ ދެ ވަނަ ގިންތީގެ އަނިޔާއެއް ކަމަށާއި އެ ޓީމުން ވަނީ އޭނާގެ ފަރުވާދަނީ ކުރިއަށް ކަމަށެވެ.
ވަރާނޭގެ ބަދަލުގައި ޓީމަށް ނެގި އުމުރުން 30 އަހަރުގެ ރަމީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2013 ވަނަ އަހަރުގެ ޖޫން މަހު އެވެ.