ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިންގާ ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމާ ޝަރީއަތް މާދަމާ އަށް ޝެޑިއުލް ކޮށްފި އެވެ.
މާދަމާ ޝަރީއަތް ތާވަލްކޮށްފައި ވަނީ ހެނދުނު 10:15 އަށެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައިވަނީ އެކަން ކަށަވަރުކޮށް ދެއްވައިފަ އެވެ.
ހައި ކޯޓުން ބަލަމުން ދަނީ ނަަޝީދުގެ މައްސަލަ ބަލަން ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލި ގޮތް ސައްހަ ނޫން ކަމަށް ބުނެ ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. އެ މައްސަލަ ކުރިއަށް ދާތީ ހުޅުމާލޭ ކޯޓުގައި ވަނީ، ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މެދުކަނޑާލައިފަ އެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް ކުރަނީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ދައުވާ އެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަނީ އެ މައްސަލައިގެ ދައުވާލިބޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. ޖޭއެސްސީން ނެގި ނުކުތާގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެ ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެ ކޯޓުގެ ލަފާގެ މަތިން ކުރާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދާއި އިތުރު ބޭފުޅުންތަކެއް މައްޗަށް ކުރާ ދައުވާގެ މައްސަލަ ބެލުމަށް ހުޅުމާލޭ ކޯޓުގައި ތިން ފަނޑިޔާރުންގެ ބެންޗެއް އުފެއްދީ ޖުޑިޝަލް ސާވިސް ކޮމިޝަނުންނެވެ. އެހެންވެ ނަޝީދުގެ ފަރާތުން ވަނީ އެ ބެންޗު ކަނޑައެޅި ކަނޑައެޅުން ސައްހަ ނޫން ކަމަށެވެ.