ލައިފްސްޓައިލް

ދަަސްކުރާ އެއްޗެއްގެ 90 ޕަސަންޓް ހަނދާން ބަހައްޓާނީ ކިހިނެއް؟

"ތަންކޮޅެއް ފަސޭހައިން އަވަހަށް އެއްޗެހި ދަސްވާ ނަމަ..." މިއީ ވަރަށް ގިނަ ބަޔަކު ހިތާ ހިތާ ކުރާ ޝަކުވާ އެކެވެ. އަމިއްލަ ނަފްސަށް އެދޭ ހެޔޮ އެދުމެކެވެ. ހާއްސަކޮށް ކިޔަވާ ކުދިންނެވެ. ގިނަ ކުދިންނަކީ އިމްތިހާނު އައިސް ގައިގައި ބައްދައިގަތުމުން ނޫނީ ފިލާވަޅު ދަސް ނުކުރާ ކުދިންނެވެ. އިމްތިހާނު ފެށުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު ސިލަބަހެއް ދަސް ކުރާން ގިނަ ކުދިން އުޅެގަނެ އެވެ.

ހަގީގަތުގައި އެއްޗެހި ދަސްވާ މިންވަރު އަވަސް ވަނީ އެކަމަށް ހޭދަކުރާ ވަގުތަށް ބަލައިގެންނެއް ނޫނެވެ. އެކަމަކު ގިނަ ވަގުތު ދަސްކުރުމުގައި ހޭދަ ކުރާނަމަ ދަސްވާ މިންވަރު އިތުރުވާނެ އެވެ. ސްޕީޑަކަށް ބަދަލެއް ނާންނާނެ އެވެ.

ބަކެޓް އެންޑް ވޯޓާ އެނެލޮޖީ

މިއީ ވަރަށް ގިނަ ބަޔަކަށް އެނގޭނެ ތިއަރީ އެކެވެ. ހަލާކުނުވެ ހުރި ބާލިދީއަކަށް ފެން އަޅާފައި ކިތަންމެ ގިނަ ދުވަހެއް ވަންދެން ވެސް ހުންނާނެ އެވެ. ފުރިގެން އިތުރުވާ ވަރަށް ފެން އެޅިއްޔާ ނޫނީ އެވެ. ބައެއް މީހުން ހީކުރަނީ އިންސާނާގެ ސިކުނޑިއަކީ ވެސް އެހެން މަސައްކަތް ކުރާ އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ކުށް ހީ އެކެވެ. އިންސާނާގެ ސިކުނޑިއަކީ އަރިމަތިން ތޮރުފާފަ ހުރި ބާލިދީއެއް ކަހަލަ އެއްޗެކެވެ. އެކަހަލަ ބާލިދީ އަކަށް ފެން އަޅާވަރަކަށް ދާނީ ފައިބަމުންނެވެ. އޭގައި ހަރުލާ ހުންނާނީ ވަރަށް މަދު އެތިފޮދެކެވެ.

އިންސާނާގެ ސިކުނޑިއާ މި އެނެލޮޖީ އެއްގޮތީ އެހެންވެ އެވެ. އިންސާނާގެ ސިކުނޑިއަށް ވެސް ކިތަންމެ ގިނަ މައުލޫމާތެއް އެޅިކަމުގައި ވިޔަސް ހަނދާނުގައި ހަރުލާފައި ހުންނަނީ ވަރަށް ކުޑަ ކުޑަ މިންވަރެކެވެ. އެކަމަކު އިންސާނާގެ ސިކުނޑިއަކީ ފޮޓޯގްރެފިކް މެމޮރީއެއް ނަމަ ހުރިހާ މައުލޫމާތެއް ހަނދާނުގައި ހަރުލާފައި ހުންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

އިންސާނުންނަށް އެއްޗެހި ދަސްވާ ގޮތުގެ މައްޗަށް ބިނާކޮށް 1960 ގެ އަހަރުތަކުގައި ވަނީ ސައިންސްވެރިން ޕިރަމިޑެއް ތައްޔާރުކޮށްފަ އެވެ. އެ ޕިރަމިޑްގައި ބުނާގޮތުން

- ފަސް ޕަސަންޓު އެއްޗެހި ދަސްވަނީ މީހަކު ކިޔައިދޭ ގަޑީގައި އަޑުއަހައިގެންނެވެ. (މިސާލަކަށް ޔުނިވާސިޓީ/ ކޮލެޖްގައި ލެކްޗާސް)
- 10 ޕަސަންޓު އެއްޗެހި ދަސްވަނީ ކިޔައިގެން ( މިސާލަކަށް ފޮތް، މަޒުމޫނު، އާޓިކަލްސް)
- 20 ޕަސަންޓު އެއްޗެހި ދަސްވަނީ އޯޑިއޯ- ވިޒުއަލް ކޮށް (މިސާލަކަށް، އެޕް، ވީޑިއޯ)
- 30 ޕަސަންޓު އެއްޗެހި ދަސްވަނީ ފެންނަ ޑިމޮންސްޓްރޭޝަން ފަދަ އެއްޗެހިން
- 50 ޕަސަންޓު އެއްޗެހި ދަސްވަނީ ގުރޫޕް ޑިސްކަޝަން ތަކުން
- 75 ޕަސަންޓު އެއްޗެހި ދަސްވަނީ ދަސްވެފައި ހުރި އެއްޗެއް އިތުރަށް ފަރިތަކޮށްގެން
- 90 ޕަސަންޓު އެއްޗެހި ދަސްވަނީ އަލަށް އެއްޗެއް ދަސްވުމާއެކު އެހެން މީހަކަށް އެ ބުނެދީ ދަސްކޮށްދީގެން

މިހާރު ފިލާވަޅު ދަސްކުރަނީ ކިހިނެއް؟

ފޮތްތައް ކިޔައިގެންނާއި ކްލާސްތެރޭގައި ލެކްޗަރާ ނުވަތަ ޓީޗަރު ކިޔަވައިދިން ގަޑީގައި އަޑު އަހައިގެން ނުވަތަ ވީޑިއޯ އެއް ބަލާލައިގެން ދޯ އެވެ. ތި ބޭނުން ކުރި މެތޮޑަކީ ދަސްކުރި އެއްޗެހީގެ 80 - 95 ޕަސަންޓު އެއްޗެހި އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ނުކުމެގެންދާ މެތަޑެކެވެ.

ބުނަން މިއުޅޭ ވާހަކައަކީ ތި ބޭނުންކުރި މެތަޑަކީ ސިކުނޑިއަށް މަޖުބޫރު ކުރުވައިގެން އެއްޗެއް ދަސްކުރަން މަސައްކަތް ކުރާ މެތަޑެވެ. އެކަމަކު އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ސިކުނޑީއަށް ފޯސް ކުރުވުމުގެ ބަދަލުގައި ތަންކޮޅެއް "ޕެސިވް" މެތަޑެއް ބޭނުންކޮށްގެންނެވެ. ހަށިގަނޑުން ބޭރުވާ ހަކަތަ އާއި ވަގުތަށް އަދި ރިސޯސަސް އަށް އެއްޗެހި ދަސްކުރުމުގައިވެސް ސަމާލުކަން ދޭން ޖެހެ އެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އެއްޗެހި ދަސްވާކަހަލަ މެތަޑެއް ބޭނުންކުރަން ޖެހެ އެވެ. އެހެންވީމަ މިސާލަކަށް ބޭރު ބަހެއް ދަސްކުރާނަމަ އެންމެ ފަސޭހަ ގޮތަކީ އެބަހަކުން ވާހަކަ ދައްކާ މީހަކާ ވާހަކަ ދައްކައިގެން ދަސްކުރަން އުޅުމެވެ. ކަސްރަތު ކުރާއިރުވެސް ޔޫޓިއުބުން ވީޑިއޯ ބަލައިގެން ކަސްރަތު ކުރުމަށްވުރެ ފިޓްނެސް ޓްރެއިނާ އާ އެކު ކަސްރަތު ކުރުމުން ނިކުންނަ ނަތީޖާ މާ ރަނގަޅު ނޫން ހެއްޔެވެ؟

އެއްޗެހި ދަސްކުރަން އުޅޭއިރުވެސް ވަގުތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެހެން ނޫނީ ބޭނުންހުރި އެތައް ވަގުތެއް ބޭކާރުވެގެން ހިނގައިދާނެ އެވެ. އެއް ގަޑިއިރުން ދަސްކުރި އެއްޗެއްގެ 90 ޕަސަންޓު ހަނދާނުގައި ހުންނާނެ މެތަޑެއް ބޭނުންކުރާށެވެ. އެހެން ނޫނީ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމަ ދަސްކުރި އެއްޗެއްގެ 90 ޕަސަންޓު ހަނދާނުގައި ހުންނާނެ މެތަޑެއް ކަމަށް ސައިންސްވެރިން ލަފާކޮށްފައި މިވަނީ ދަސްވި އެއްޗެއް އެހެން މީހަކަށް ބުނެދިނުމެވެ.