އުމަރު ނަސީރު

އީވޯޓިން ސިސްޓަމާއެކު ކުރިޔަށްދާނީ ރައްޔިތުން އެއްބަސްވާނަމަ: އުމަރު

May 24, 2016

ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓްލާއިރު އެ ސިސްޓަމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ސިސްޓަމަކަށް ވާނެޖެހޭނެ ކަމަށާއި އެ ސިސްޓަމާއެކު ކުރިޔަށްދާނީ ރައްޔިތުން އެއްބަސްވާނަމަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ކަމަށް ބުނެފައި ވަނީ ހޯމް މިނިސްޓްރީގެ ވެބްސައިޓްގަ އެވެ. އެ ވެބްސައިޓްގައި ބުނަނީ ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލު ކުރައްވާ ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ގާއިމް ކުރުމަށް ނިންމަވާފައިވާތީ ސިސްޓަމާމެދު ސުވާލު ކުރި ކަމަށެވެ.

އަދި ބުނެފައި ވަނީ އެ ސުވާލާ ގުޅިގެން އެ ސިސްޓަމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ސިސްޓަމަކަށް ވާން ޖެހޭނެ ކަމަށާއި މިސިސްޓަމާއެކު ކުރިއަށް ދާނީ ރައްޔިތުން އެއްބަސްވާނަމަ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށާއި މިސިސްޓަމަކީ ސައުތު ކޮރެއާ ގައި ބޭނުން ކުރާ ސިސްޓަމް ކަމަށެވެ.

އަދި ބޭރުގެ އެއްވެސް ފަރާތަކުން ސިސްޓަމް ބައްލަވަން ބޭނުންވާނަމަ އިލެކްޝަންގައި އެދުމުން އެކަން ހަމަޖެހިގެން ދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި އީވޯޓިން ސިސްޓަމް ބޭނުން ކުރަން ނިންމާފައި ވަނީ އަންނަ ކައުންސިލް އިންތިހާބުން ފެށިގެނެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެކަމަށް ފާޑު ކިޔައި އެ ނިޒާމުގެ މައުލޫމާތު އޮޅުން ފިލުވަން އެދިފައެވެ.