ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށައިފި

Aug 10, 2023

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދޭން ފަށާފައިވާކަން އެމްއެންޑީއެފުން މިއަދު ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން އެ އިންތިހާބެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނާއެކުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ނައިބުކަމަށް ހުންނަން އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ ބޭފުޅުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތް ދޭންޖެހޭނެ އެވެ.

މިކަން އިންތިޒާމުކޮށްދޭނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުބީބުކޮށްފައިވަނީ އިއްޔެ އެވެ. ސެކިއުރިޓީ ދޭން ފަށާފައިވަނީވެސް އިއްޔެއިން ފެށިގެންނެވެ.

ކެންޑިޑޭޓުންގެ ނަންބަރު

  • ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު - އަހުމަދު ސަލީމު
  • ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލު - މަރިޔަމް އަލީމް
  • ކެންޑިޑޭޓު ނަންބަރު 3 - އިބްރާހީމް މުހައްމަދު ސޯލިހު - މުހައްމަދު އަސްލަމް
  • ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހަައްމަދު މުއިއްޒު - ހުސައިން މުހައްމަދު ލަތީފު
  • ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހީމް - ޑރ. އަމީން އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫން - ޑރ. އަބްދުއްސައްތާރު ޔޫސުފް
  • ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު - ހުސައިން އަމްރު
  • ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމު - ޑރ. އަހުމަދު އަދީލް ނަސީރު

މި އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.