އެކްސިޑެންޓް

ޓީޖެޓީގައި ދޯންޏެއްގެ މައްޗަށް ކެރޭނެއް ފުރޮޅާލައިފި

May 24, 2016

މާލޭ ހުޅަނގު ދެކުނު ފަރާތު ޓީޖެޓީގައި އޮތް ކެރޭނެއް އެ ސަރަހައްދުގެ ބަނދަރުގައި މުދާ އަރުވަފައި އޮތް ދޯންޏެއްގެ މައްޗަށް ފޮރޮޅާލައިފި އެވެ. ފުލުހުން ބުނީ ކެރޭނެއް ފުރޮޅާޅައިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިރޭ ގާތްގަނޑަކަށް 6:30 އެހާކަންހާއިރު ފުރޮޅާލާފައި ވަނީ ނަލަހިޔާގެ ކެރޭނެކެވެ.

އެމްއެންޑީއެފުން ބުނީ ކެރޭނު ފުރޮޅާޅާފައިވާތީ ސިފައިންގެ ފަޔާ އެންޑް ރެސްކިއޫ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ ކެރޭނު ފުރޮޅައިލީ އެއްޗެއް އުފުލަން އުޅުމުގެ ތެރޭގައި ކަމަށާއި ދޯނީގެ މައްޗަށް ކެޜޭނެ ފުރޮޅައިލި އިރު ދޯނީގައި މީހުން ވެސް ތިބި ކަމަށެވެ. އަދި ފޮރޮޅައިލި ކެރޭނުގައި އިން މީހާ ވެސް ކެރޭނުގެ ތެރޭގައި އޮތް އިރު އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

"އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ވަނީ ކެރޭނު ފުރޮޅައިލުމުން ދޯނި ދޫކޮށް މީހުން ފައިބައިފި، މިހާރު ސިފައިންނާއި ފުލުހުން އަދި އާންމުން ވެސް ހިމެނޭ ގޮތަށް ފުރޮޅާލާފައި އޮތް ކެރޭނެ އެހެން ކެރޭނެއްގެ އެހީގައި ނަގަނީ،" އަވަސްގެ ނޫސްވެރިޔާ ބުންޏެވެ.

ނަލަހިޔާ ކޮންސްޓްރަކްޝަންގެ ކެރޭނު ވެއްޓިފައި ވަނީ ތ. އަތޮޅު މަޑިފުއްޓަށް މުދާ އުފުލާ ދޯންޏެއްގެ މައްޗަށެވެ. ފުރޮޅައި ކެރޭނުގައި އިނީ އިންޑިޔާގެ ރައްޔިތެކެވެ. އަދި ދޯންޔައްވެސް މާބޮޑެތި ގެއްލުމެއް ލިބިފައެއް ނުވެއެވެ.