ބޮލީވުޑް

"ސުލްތާން": އަހަރުގެ އެންމެ މޮޅު ފިލްމަށް ވެދާނެތަ؟

May 25, 2016

ގިނަބަޔަކު އެންމެ އިންތިޒާރުކުރަމުން އައި ފިލްމުގެ ޓްރެއިލާ މިވަނީ ރިލީޒްކޮށްފަ އެވެ. ސުޕަސްޓާ ސަލްމާން ޚާންގެ "ސުލްތާން" ގެ ޓްރެއިލާ އިއްޔެ ރިލީޒްކޮށްފައިވާއިރު އުންމީދުކުރި ވަރަށް ވުރެންވެސް މިފިލްމުގެ ޓްރެއިލާ މާމޮޅެވެ. މިޓްރެއިލާގެ ކޮންމެ މަންޒަރަކުންވެސް ސަލްމާން ވަނީ ބެލުންތެރިންގެ ހިތް އަތުލާފައިވާފަ އެވެ.

ސަލްމާން ހަރްޔަންވީ ރެސްލުންތެޅުން ތެރިއެއްގެ ގޮތުގައި ފެނިގެންދާ މިފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ސަލްމާން މޮޅު ރެސްލުންތެޅުންތެރިއެއްގެ ގޮތުގައި އަރައިގެންދާ ތަނާއި އޭނާގެ ވެއްޓުމެވެ. އަދި އަނެއްކާވެސް ބުރަ މަސައްކަތުން އޭނާ އެނބުރި މޮޅު ރެސްލިންތެޅުން ތެރިއަކަށްވާ ގޮތެވެ.

"ސުލްތާން" ގެ ޓްރެއިލާ:

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި އަނުޝްކާ ޝަރްމާ އަކީ ވެސް މޮޅު ރެސްލުންތެޅުންތެރި އެކެވެ. އަނުޝްކާ ދެކެ ފުރަތަމަ ނަޒަރުންވެސް އޭނާއަށް ލޯބިވެވޭއިރު، ސަލްމާން ވަނީ އޭނާ ކައިވެނިކުރާނީ ވެސް އަނުޝްކާއާ ކަމަށް ބުނެފަ އެވެ. މިޓްރެއިލާއިން ސަލްމާން އަނުޝްކާ ހިތް އަތުލަން މަސައްކަތްކުރާތަން ފެނިގެންދާއިރު ދެތަރިންގެ ލޯބީގެ މަންޒަރުތަކެއްވެސް ފެނިގެންދެ އެވެ.

ތިންމިނިޓުގެ މިޓްރެއިލާއިން ހަރްޔަންވީގެ އެންމެ މަޝްހޫރު ރެސްލުންތެޅުންތެރިޔާ ސުލްތާންގެ މޮޅުކަން ދައްކާލާފައިވާއިރު، އުންމީދުކުރި ވަރަށް ވުރެން އަނުޝްކާގެ މަންޒަރުތަކެއް ފެނިގެން ގޮސްފައެއްނުވެ އެވެ. ނަމަވެސް އަނުޝްކާ ވެސް ރެސްލުންތެރިއެއްގެ ގޮތުގައި ފެނިގެންދާތަން ވަނީ ދައްކާލާފަ އެވެ.

ރެސްލިންތަޅައިގެން އޮލިމްޕިކްސްގެ ގޯލްޑް މެޑަލްވެސް ހޯދާފައިވާ ސުލްތާން ހަޔާތުގައި ދިމާވާ ކޮންމެވެސް ކަންތައްތަކެއްގެ ސަބަބުން ރެސްލިންތެޅުމާއި ދުރަށްދެ އެވެ. ރެސްލިންތެޅުން ހުއްޓާލުމުން ސުލްތާންގެ ވަރުގަދަކޮށް ހުރި ހަށިގަނޑުގައި ލޮކި މަސްޖަހައި މީހާ ވަރަށް ބޮޑަށް ބަދަލުވެދެ އެވެ. ސުލްތާންގެ އަނދިރިވެފައިާ ދިރިއުޅުން ބަދަލުކޮށްލަނީ އަމިތް ސާދް އެވެ. އަމިތް ސުލްތާން ގޮވައިގެން ރެސްލިން ޓްރެއިނަރެއް ކަމަށްވާ ރަންދީޕު ހޫޑާ ކައިރިއަށްދެ އެވެ.

އެގޮތުން ރަންދީޕު ސުލްތާން އަށް އޭނާގެ ރެސްލިންތެޅުމުގެ މޮޅުކަމާ މެދު ޗެލެންޖްކޮށް، އޭނާއާ މެދު އެއްވެސް އުންމީދެއް ނެތް ކަމަށާއި މަރުވެފައިވާ ތިބޭ މީހުން އޭނާ ޓްރެއިން ނުކުރާ ކަމަށް ބުނެ އެވެ. އެހިސާބުން ސަލްމާންގެ ޖޯޝު އާލާވެ އެނބުރި ރެސްލިންތެޅުން ތެރިއަކަށް ވުމުގެ މަސައްކަތް ފަށަ އެވެ.

މިފިލްމުގެ ޓްރެއިލާ އަށް ތައުރީފު އޮއްސަމުން އަންނައިރު ބެލުންތެރިން ދެކޭ ގޮތުގައި ރެސްލިންގެ އެކްޝަން މަންޒަރުތައް ޓްރެއިލާގައި މަދުކަން ވަނީ ފާހަގަކޮށްފަ އެވެ. ޓްރެއިލާއިން ފެނިގެންދަނީ މީގެކުރިން އާންމުކޮށްފައިވާ ދެ ޓީޒާގައިވެސް ފެނިގެންދާ މާޝަލް އާޓްސްގެ މަންޒަރުތަކެވެ.

މިފިލްމަކީ މިއަހަރުގައި ރިލީޒްވުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީއެއް ފިލްމެވެ. މީގެކުރިން މިއަހަރު ރިލީޒްވެފައި ހުރި ފިލްމުތަކުގެ ތެރެއިން ޝާހްރުކް ޚާންގެ "ފޭން" ނާކާމިޔާބު ވުމުން މިފިލްމަކީ މިއަހަރު ރިލީޒްވާނެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށް އަންނަނީ ބުނަމުންނެވެ.