ދުނިޔެ

އަލްޖަޒީރާގެ ދެ ނޫސްވެރިންގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

މިސްރުގައި ބަންދުކޮށްފައި ތިބި އަލްޖަޒީރާގެ ދެ ނޫސްވެރިންގެ އާ ޝަރީއަތް މިމަހުގެ 12 ވަނަ ދުވަހު ފަށަން ހަމަޖައްސައިފި އެވެ.

މިސްރު ސަރުކާރާ ދެކޮޅަށް ދޮގު ހަބަރު ފެތުރުމާއި ޓެރަރިޒަމަށް ވާގިވެރިވިކަމުގެ ތުހުމަތުގައި އަލްޖަޒީރާގެ ތިން ނޫސްވެރިއަކު ހައްޔަރުކޮށް އެ މީހުން ދިގު މުއްދަތަކަށް ޖަލަށްލުމަށް މިދިޔަ އަހަރު އެ ގައުމުގެ ކޯޓަކުން ހުކުމްކުރި އެވެ. ނަމަވެސް އެ ޝަރީއަތުގައި ބައެއް ކަންތައްތައް ގޯސްކޮށް ގޮސްފައިވާ ކަމަށް ބުނެ އެ ޝަރީއަތް އަލުން ކުރަން މިދިޔަ މަހު އެ ގައުމުގެ އިސްތިއުނާފީ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.

އިސްތިއުނާފީ ކޯޓުގެ ހުކުމް އެގޮތަށް އައިސްފައި ވަނިކޮށް އެ ތިން ނޫސްވެރިންގެ ތެރެއިން އެކަކު އެ ގައުމަށް ނާދެވޭ ގޮތް ހެދުމަށް ފަހު މިދިޔަ މަހު ފަހުކޮޅު ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ދެން ތިބި ދެ މީހުން މިހާތަނަށް ދޫކޮށްލާފައި ނުވާއިރު އެ މީހުން ޝަރީއަތް އަލުން ހިންގުމަށް މިމަހުގެ 12 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ދެ ނޫސްވެރިން ދޫކޮށްލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް އެކަމާ މެދު މިސްރުގެ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިސްރުގެ ޖަލުތަކުގައި ޖަލުތަކުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން އެ މީހުންގެ ގައުމަށް ފޮނުވާލުމުގެ ގަރާރެއް އެ ގައުމުގެ ރައީސް އަބްދުލްފައްތާހު އައްސީސީ މިދިޔަ މަހު ވަނީ ނެރުއްވައިފަ އެވެ. ނަމަވެސް އެ ގަރާރުގެ ދަށުން އަލްޖަޒީރާގެ އެ ދެ ނޫސްވެރިން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސަރުކާރުން މިހާތަނަކަށް ނުދެ އެވެ.

ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމުން އިންތިޚާބަކުން ވެރިކަމަށް އައި މުސްލިމް ބްރަދަހުޑްގެ ލީޑަރު މުހައްމަދު މުރްސީގެ ވެރިކަން 2013 ގައި އަސްކަރީ އިންގިލާބަކުން ވައްޓާލައި، މުރްސީ ހައްޔަރު ކުރުމާ އެކު މިސްރު ވަނީ ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި އެ ހަމަނުޖެހުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް މިސްރުގެ ސަލާމަތީ ބާރުތަކުން ދަނީ ހުރަސް އަޅަމުންނެވެ.