ދުނިޔެ

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ގައުމުން ބޭރަށް ދިއުން މަނާކޮށްފި

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ އެ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި އެވެ.

މަގާމުން ދުރުކޮށް، ފަސް އަހަރު ދުވަހަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވާ ޔިންގްލަކަށް އެ ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރީ ކޮރަޕްޝަންގެ ތުހުމަތުކޮށް އެކަމަނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ. ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެ ދައުވާއަށް ޔިންގްލަކް އިންކާރު ކުރައްވައެވެ.

ތައިލެންޑްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރު ކަން ކުރެއްވި އަންހެން ބޭފުޅާ ކަމަށްވާ ޔިންގްލަކް ބޮޑުވަޒީރުކަމުން ވަކިކުރީ މަގާމު ބޭނުން ނާޖާއިޒް ގޮތުގައި އޭނާ ބޭނުން ކުރައްވާ ކަމަށް ބުނެ އޭނާ މަގާމުން ވަކިވެފައިވާ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމް ކުރުމުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ގާނޫނު އަސާސީއަށް އަމަލު ކުރުން ސަސްޕެންޑްކޮށް، ވެރިކަމާ ހަވާލުވެފަ އެވެ. އެކަމަށް އެ ގައުމުގެ ރަސްގެފާނު ވެސް ރުހުން ދެއްވާފައިވާއިރު ވެރިކަމުގައި މިހާރު ހުންނެވީ އަސްކަރިއްޔާގެ އިސްވެރިޔާ އެވެ.

ޔިންގްލަކަކީ އެ ގައުމުގައި 2001 ގައި ފެށިގެން 2006 އާ ހަމައަށް ވެރިކަން ކުރެއްވި ތަކްސިން ޝިނަވަޓްރާގެ ކޮއްކޯފުޅެވެ. މިހާރު ގައުމުން ބޭރުގައި އުޅުއްވަމުން ގެންދަވާ ތަކްސިންގެ ނުފޫޒު އެ ގައުމުގައި އަދިވެސް ބޮޑެވެ. ޔިންގްލަކްގެ ވެރިކަމާ ދެކޮޅަށް މިދިޔަ އަހަރު ތައިލެންޑްގައި ވަރުގަދަ މުޒާހާރާތަކެއް ކުރި އެންމެ ބޮޑު ސަބަބަކީ ވެސް ކޮއްކޯފުޅު ޔިންގްލަކް މެދުވެރިކޮށް ގައުމުގެ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވުމެވެ.