ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަޅުގަނޑުގެ މައްސަލަތައް ގެންދަނީ އިންސާފަކުން ނޫން: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ މައްސަލަތައް މި ދުވަސްވަރު ފުލުފުލުގައި ތާވަލުކުރަމުންދާއިރު، މައްސަލަތައް އަވަސް ސްޕީޑް ގެންދާ ދިމާ އެނގިލައްވާ ކަމަށް އަދީބު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ އަޑުއެހުމުގައި ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި އަދީބު ވިދާޅުވީ، މައްސަލަތައް އަވަސްކޮށްގެން މައްސަލަތައް ގެންދަވާ ދިމާ އެނގިލައްވާ ކަމަށާއި މައްސަލަތައް ކުރިއަށް ދަނީ އިންސާފުން އެއްކިބާވެ ވަކި ދިމާލަކަށް ކަމަށެވެ.

"މައްސަލަތައް މި ދަނީ އިންސާފުން އެއްކިބާވެ، ވަކި ޑިރެކްޝަނަކަށް،" އަދީބު ވިދާޅުވި އެވެ.

ހުރިހާ މައްސަލަތަކެއްގެ ޝަރީއަތް އެއް ފަހަރާ އަވަސްކޮށް ގެންދަވާ ސަބަބު ހޯދަން އަދީބު ވަނީ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ އާ ސުވާލުކުރައްވާފަ އެވެ.

އަދީބުގެ ސުވާލަށް ޖަވާބު ދެއްވަމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، މައްސަލަތައް ކައިރިކައިރީގައި ތާވަލްކޮށްގެން ކުރިއަށް ގެންދަނީ ކުރިއަށް އޮތީ ރޯދަ މަސް ކަމަަށް ވާތީ، ރޯދަ މަހު ޝަރީއަތްތައް ބާއްވަން އުނދަގޫވާނެތީ ކަމަށެވެ. އަދި މައްސަލަތައް ލަސްވެ، ބަންދުގައި ތިބެންޖެހޭ މުއްދަތު އިތުރުވުމަކީ ވެސް މައްސަލަތައް އަވަސްކުރާ ސަބަބެއް ކަމަށް ވިދާޅުވި އެވެ. އޭގެއިތުރަށް ގާޒީ ވިދާޅުވީ، މައްސަލަތައް އަވަސްކޮށް ކުރިއަށް ގެންދިޔުމުގައި އެއްވެސް މުއައްސަސާއެއްގެ ނުފޫޒެއް އެއްވެސް ފަނޑިޔާރަކަށް ލިބިފައިނުވާ ކަމަށެވެ.