އިޒްރޭލް

އިޒްރޭލުގެ އާ ޑިފެންސް މިނިސްޓަރު: ގާޒާގެ ހާލަތު ބަދަލުވުމުގެ އަލާމާތެއް!

May 26, 2016

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭގެ ވަގުތެއްގައި އެގައުމުގެ ކެބިނެޓަށް އައްޔަންކުރި ފަރާތަކީ މެދުއިރުމަތީގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކަށް އާ ފަރާތެއް ނޫނެވެ. ކެބިނެޓް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ބުނެ، ޑިފެންސް މިނިސްޓަރުގެ މަގާމަށް އަައްޔަންކޮށްފައިވަނީ މީގެ ކުރިން ފޮރިން މިނިސްޓަރުގެ މަގާމު ފުރި އަވިގްޑޯ ލީބަމަން އެވެ.

ހުކުރު ދުވަހު މަގާމުން އިސްތިއުފާ ދެއްވި މޯޝޭ ޔާލޮން މަގާމުން އިސްތިއުފާ ދީފައިވަނީ ބޮޑުވަޒީރާއި މެދު އެއްވެސް އިތުބާރެއް ނެތް ކަމަށް ބުނެ އެވެ. އިޒްރޭލު ސަރުކާރުގައި ހައްދުފަަހަނައަޅާ ދިޔުން އިތުރުވެފައިވާ ކަމަށް ގާޒާއަށް ދިން ހައްދުފަހަނައަޅާފައިވާ ހަމަލާތައް ރާވާ ހިންގި ވަޒީރު ބުނާނީ ހާދަ ވަރެއް ވީމައޭ ހިތަށް އެރިއެވެ.

ލީބަމަން އަކީ ނަތަންޔާހޫ ފަދައިން ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ މީހެކެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ މޮލްޑޯވާ އަށް އުފަންވި ލީބަަމަން އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމާއި ދެކޮޅަށް އަދި އަރަބި މުސްލިމުންނާއި ދެކޮޅަށް ވަކާލާތު ކުރާ ފަރާތެކެވެ. މިސުރުގެ އަސްވާން ޑޭމަށް ބޮން އަޅާ، ނީލަ ކޯރު ފެންބޮޑުކުރުމަށް އޭނާ ގޮވާލާފައިވެ އެވެ. އަދި، ފަލަސްތީނު ގައިދީން ރަތް ކަނޑަށް ފެއްތުމަށްވެސް އޭނާ ވަނީ ގޮވާލާފަ އެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް އަައްޔަން ކުރުމާއި ގުޅިގެން، ލީބަަމަނަށް އިޒްރޭލިގެ އަސްކަރިއްޔާ އާއި އިންޓެލިޖެންސް އޭޖެންސީތަކުގެ ސީދާ ކޮންޓްރޯލް ލިބިގެންދާނެ އެވެ. އަދި، ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް އިޒްރޭލުން ހިންގާ މަޝްރޫއު ތަންފީޒުކުރުމުގައި ލީބަމަންގެ އިސް ރޯލެއް ދެން ފެނިގެންދާނެ އެވެ. މި ސަރަހައްދުތަކުގައި ވަޒަންވެރިވެފައިވާ ހަތަރު މިލިއަން ފަލަސްތީނު ރައްޔިތުންގެ މައްޗަށް އޭނާގެ ބާރު ހިނގާނެ އެވެ.

ލީބަމަން އަކީ އެގައުމުގެ އަސްކަރިއްޔާގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު، 1988 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ގުޅުުނު މީހެކެވެ. ނަަތަަންޔާހޫގެ އަރިސް މީހެއްގެ ގޮތުގައި ފާހަގަވި ލީބަމަން ވެގެންދިޔައީ ނަތަންޔާހޫއަށް އެންމެ ވާގިދޭ އަދި އެންމެ އަދާވާތްތެރި މީހާއަށެވެ. ނަތަންޔާހޫ 1996 ވަނަ އަހަރު ބޮޑުވަޒީރުގެ މަގާމަށް ހޮވުނު އިރު، ލީބަމަން ހުރީ އޭނާގެ ޗީފް އޮފް ސްޓާފްގެ މަގާމުގަ އެވެ. ނަމަވެސް، ޖެހިގެން އައި އަހަރު އެމެރިކާ އިސްވެ އެކުލަވާލި ވައި ރިވަރ މެމޮރަންޑަމް އެއްބަސްވުމުގައި ނަތަންޔާހޫ ސޮއިކުރުމާއި ގުޅިގެން ލީބަމަން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ޔިޒްރެއިލް ބެއިޓެނޫގެ ނަމުގައި ލީބަމަން ފެށި ސިޔާސީ ޕާޓީއަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމުތަކުން އިޒްރޭލަށް ހިޖުރަކޮށްފައިވާ މީހުން ގިނަ ޕާޓީއެކެވެ. މި ޕާޓީއަކީ ކަދީމާ އަދި ލިކޫދް ޕާޓީ އަށްފަހު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިހުގައި އެންމެ ވަރުގަދަ އެއް ފަރާތެވެ. ދެހާސްތޭރަވަނަ އަހަރު އެގައުމުގައި ބޭއްވި އާންމު އިންތިހާބުގައި ލިކޫދް ޕާޓީއާއި ޔިޒްރެއިލް ބެއިޓެނޫ ވަނީ ކޯލިޝަނެއްގެ ހަދާ، އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން ލީބަމަނަށް ވަނީ ފޮރިން މިނިސްޓަރުގެ މަގާމު އަރުވާފަ އެވެ.

ކޯލިޝަން އިތުރަށް ވަރުގަދަކޮށް، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރޭގެ ވަގުތެއްގައި ސޮއި ކުރި އެއްބަސްވުުމުގެ ސަބަބުން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިހުގައި ދެ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ އަދަދު 61 ން 66 އަށް އިތުރުވެފައިވެ އެވެ. ސަތޭކަ ވިހި މެންބަރުން ހިމެނޭ ޕާލިމަންޓުގެ 55 ޕަސެންޓުގެ ކޮންޓްރޯލް މިހާރު ނަތަންޔާހޫ ވަނީ ހޯދާފަ އެވެ.

ްިްލީބަމަން މަގާމަށް އައްޔަންކޮށް، އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް ލިބުމާއެކީ އެގައުމުގެ ދިފާއީ ސެކްޓަރަށް ގެންނަން ބޭނުންވާ ބަދަލުތައްވެސް ފަސޭހަކަމާއެކީ ގެނައުުމުގެ ބާރު ލީބަމަން އާއި ނަތަންޔާހޫއަށް ލިބިގެންދާނެ އެވެ.

ދެން އޮތީ ފަލަސްތީނުގެ ސުވާލެވެ. އިޒްރޭލުގެ ސިޔާސީ ކޯޅުންގަނޑަށް ޗުއްޕުވެސް ނުބުނާ އެމެރިކާ އިންވެސް ވަނީ ލީބަމަން މަގާމަށް އިސްކުރުމުން ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު މާކް ޓޯނާ ރޭ ބުނެފައިވަނީ މި ނިންމުމުގެ ސަބަބުން ސުލްހައިގެ މަޝްވަރާތަކާއި ދެ ދައުލަތް އުފެއްދުމާއި ބެހޭ ގޮތުން ކުރެވިފައިވާ މަޝްވަރާތަކާއި މެދު ސުވާލު އުފެދޭކަމަށެވެ. އަދި، މިއީ އިޒްރޭލުގެ ތާރީހުގައި އުފެދުނު އެންމެ ބޮޑު ހަރުކަށި ކަނާތުފިޔައިގެ ކޯލިޝަންކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ފަަލަސްތީނުގެ ޗީފް ނެގޯޝިއޭޓަރ ސާއިބް އުރައިކާތު ވަނީ އިޒްރޭލު ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފަ އެވެ. މީގެ ސަބަބުން ސިޔާސީ އަދި ދީނީ ހައްދުފަހަނަ އެޅުމާއި ނަސްލީ އިމްތިޔާޒު އިތުރުވެގެންދާނޭ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ރޭ ކޯލިޝަންގައި ސޮއިކުރުމަށްފަހު، ލީބަމަން އާއި ނަތަންޔާހޫ ވަނީ ސުލްހަ އިސްކުރާނޭ ކަމަށް އިއުލާންކޮށްފަ އެވެ. އަދި، ހަރުކަށިކަމަކީ މި ކޯލިޝަނުން އިސްކުރާނޭ ކަމެއް ނޫންކަމަށްވެސް ދެ ފަރާތުން ވަނީ ބުނެފަ އެވެ.