ރައީސް އަބުދުﷲ ޔާމީންގެ އިކޮނޮމިކް އެޖެންޑާގެ ދަށުން ތަފާތު ބޮޑެތި މަޝްރޫއުތަކެއް ހިނގަމުންދާއިރު މިއީ ރާއްޖޭގައި އިންވެސްޓްކުރަން އޮތް އެންމެ ރަނގަޅު ދުވަސްތައް ކަމަށާއި، މި މިމެސެޖް ސަރަހައްދުގެ ސަރުކާރުތަކަށް ފޯރުކޮށްދޭން ސަރަހައްދުގެ ގައުމުތަކުގެ ކަސްޓަމްސް އޮފިސަރުންގެ ކިބައިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެދި ވަޑައިގެންނެވި އެވެ.
މިނިސްޓަރު މިހެ އެދި ވަޑައިގެންނެވީ ސައުތު އޭޝިޔާ ސަރަހައްދުގެ ހަ ގައުމުގެ ކަސްޓަމްސް ހިމެނޭ "ސަސެކް ކަސްޓަމްސް ސަބް-ގްރޫޕް" (ސަސެކް) ގެ ބައްދަލުވުން ޝަފަރުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ކަސްޓަމްސްގެ ދައުރު ވަރަށް ބޮޑުކަމަށާއި، ކަސްޓަމްސްތަކުގެ އުޞޫލުތައް ވީހާވެސް ވިޔަފާރިއާއި ރައްޓެހި އުސޫލުތަކަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުމަށްޓަކައި ދިވެހި ކަސްޓަމްސްގެ ފަރާތުން މަސައްކަތްކުރާ ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
މި ބައްދަލުވުމަކީ އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކްގެ ފަރާތުން ސަރަހައްދުގެ ކަސްޓަމްސްތަކުގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮޖެކްޓްތަކުގެ މިހާރުގެ ހާލަތު ބަލައި ދިރާޞާކޮށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ފާހަގަކުރާނެއެވެ. އޭޑީބީގެ އެހީގެދަށުން ރާއްޖޭގެ ކަސްޓަމްސްގައިވެސް ތިން ޕްރޮޖެކްޓް ހިންގާއިރ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ރިސްކް މެނޭޖްމެންޓް ސިސްޓަމް އާއި ސިންގަލް ވިންޑޯ މެދުވެރިކޮށް އެކްސްޕޯޓް އިމްޕޯޓާބެހޭ އެންމެހާ ކަންކަން ހިންގޭނެ ނިޒާމެއް ޤާއިމްކުރުމަކީ މީގެތެރެއިން ފާހަގަކުރެވޭ ޕްރޮޖެކްޓްތަކެވެ.
މީގެ އިތުރުން ސަރަހައްދުގެ ހަ ގައުމުގެ މެދުގައި އިމްޕޯޓް އެކްސްޕޯޓް ޑޭޓާ ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ނިންމުންތަކެއް މިއަދުގެ ބައްދަލުވުމުގައި ނިންމާނެ އެވެ.