އިންޑިއާ ކަނޑުގެ ކަންޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ޖަމިއްޔާ، އިންޑިއަން އޯޝަން ޓިއުނާ ކޮމިޝަނަށް ރާއްޖެއިން ރިސޮލިއުޝަންތަކުގެ ތެރޭ ހިމެނޭ މަސްވެރިންނަށް ކަޅުބިލަމަހުން ރަނގަޅު އަގު ހޯދުމަށް އެހީތެރިވެދޭ އެމްއެސްސީ ސެޓްފިކެޓް ދަމަހައްޓަން ބޭނުންވާ ރިސޮލިއުޝަން މިއަދު ފާސްކޮށްފި އެވެ.
ފިޝަރީޒުން ބުނީ ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގެ ބޭފުޅުން މިކަމަގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފްރާންސްގެ ޓެރިޓަރީއެއް ކަމަށްވާ ރެޔޫނިއަންގައި ބަހުސްކުރަމުންދާތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށާއި މި މަޝްވަރާތަކުގައި ފިޝަރީޒް މިނިސްޓަރު ޝައިނީވެސް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
މި ރިސޮލިއުޝަން ފާސްކުރަން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާ ކަނޑުގެ އަސްސޭރިފަށުގެ ގިނަ އަދަދެއްގެ ގައުމުތަކާއެކު ރާއްޖެއިން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ޔޫރަޕާއި އަދިވެސް އެހެން ގައުމުތަކަށް އެކި ފަހަރުމަތިން މިއަހަރުގެ ތެރޭގައި ފިޝަރީޒުން ދަތުރު ކުރި އެވެ. މީގެ އިތުރުން ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާއެކު ވެސް މި މަޝްވަރާތައް ކުރައްވާފައިވާއިރު ފިޝަރީޒް މިނިސްޓަރު ވަނީ ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރާއި ވެސް މަޝްވަރާ ކުރައްވާފައެވެ.
ރާއްޖޭން އައިއޯޓީސީގައި ދައްކާ ނަމޫނާއާއި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ތިން އެވޯޑެއް ލިބިފައިވެއެވެ. އެންމް ފަހުން އެވޯޑް ލިބިފައިވަނީ ކަނޑުމަހުގެ މަސްވެރިކަމުގެ އެންމެ ބޮޑު ބައްދަލުވުމުގައި މިމަހުގެ 23 ވަނަދުވަހު ބެންގްކޮކްގައި އޮތް ބައިނަލްއަގްވާމީ ބައްދަލުވުމެއްގައެވެ.