ކާނާ

ޝެރަޓަން މޯލްޑިވްސްގެ ޓީ ހައުސް، އޭޝިޔާ އާއި ހުޅަނގަށް!

"ޝެރަޓަން ފުލް މޫން" ރިސޯޓުގައި ޓީ ހައުސް އެއް ހުޅުވަނީ އޭ އެ އިވެންޓަށް ދާން ވާނޭ ބުނުމުން ވަރަށް ފަސޭހައިން އާނއެކެވޭ ބުނެލީމެވެ. އެއްވެސް ވަރަކަށް މިއީ ތަފާތު ކަމަކަށް ވެދާނެއޭ ހިތަކަށް ނާރަ އެވެ. އަދި މިއީ މިހާތަނށް ވެސް ދިއުމުގެ ނަސީބު ލިބިފައިނެތް ރިސޯޓެކެވެ.

ބަރަވެލި ދުވެލީގައި ހިނގާ ޕާޓްނަރެއް ގޮވައިގެން ދާން ޖެހުމުން ހިސާބަކަށް ހިންހަމަވެސް ނުޖެހުނެވެ. މޫނުމަތީ ޖެހިފައި ކަހަލަ ގޮތަކަށް އިރު އިނީ ހަމަ ރުޅިއައިސް ރަތް ފެވަަ އެވެ. އެކަމަކުވެސް މަޖާވެސްވި އެވެ. ހިނގަ ހިނގާފައި ފަހަތް ބަލާއިރު ޕާޓްނަރު މިހުންނަނީ ކިރިޔާ ފެންނަ ހިސާބުގަ އެވެ. ބަނދަރަށް ދިޔައިރު ދަތުރު އޮތީ ތައްޔާރަށެވެ.

ވިއްސަކަށް މިނެޓަށްފަހު ޝެރަޓަން އަށް ދެވިއްޖެ އެވެ. ހިތް ގައިމު ރިސޯޓެކެވެ. ފައި ޖެހުމާއެކު ތޮއްޖެހިފައި އޮތް ކޮންކްރީޓު ޖަންގަލީ މަތިން ހަމަ އެކީ ހަނދާން ނެތިއްޖެ ކަހަލަ އެވެ. ހިތްގައިމު ކަމުން ފުރިގެންވާ މަގަކުން ގެންގޮސް ވެއްދީ ގުދުރަތީ ހިތްގައިމު ކަމަށް ދޫނުކުރާހާ ފުރިހަމަ ތަނަކަށެވެ. ފެއްސާއި ހުދުން ޒީނަތްތެރި ކޮށްލާފައި އެތަނަށް ވަދެވުމުން އެހެން ދުނިޔެއަށް ދެވުނު ކަހަލަ އެވެ. އެއީ ޝެރަޓަންގައި ރޭ އަލަށް ހުޅުވި ޓީ ހައުސް އެވެ.

އެތަނަށް ވަނީއްސުރެން އޮތީ ކެއުމެވެ. އަސްލު ތަފާތާ ހަމައަށް އައީ އެވެ. އެއީ އެތަނުގެ ކާ އެއްޗެއްސެވެ. ސުވިމިން ޕޫލްގެ ކުރިމަތީގައި ހަދާފައި ހުރި މި ތަނުގައި ލުއި ކެއުންތައް ލިބުނު އިރު ރަހަތަށް ހުރީ ކިހިނެއް ކަން އެނގޭ ހެއްޔެވެ؟ އޭޝިޔާގެ އެންމެ މީރު ރަހަތަކާއި ހުޅަނގުގެ އެންމެ މީރު ރަހަތައް އެއް ވަރަކަށް ލިބެން މިހުރީ އެވެ. ޗައިނާގެ ޑިމްސަމް އާއި ނޫޑުލްސް، އެހެނިހެން މީރު ޕޭސްޓްރީސް އަދި ލުއި ކެއުންތައް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ލިބެ އެވެ. ޓޭކް އަވޭގެ ހިދުމަތް ދޭންވެސް ތިބެނީ ހަމަ ތައްޔާރަށެވެ. ޖަރުމަން ޝެފާއެކު މީގެ އޮރިޖިނަލް ރަހައަކަށް އެއްވެސް ބަދަލެއްވެސް އައިސްފައެއް ނެތެވެ.

ހަމައެކަނި މީރު ރަހަ ކާއެއްޗެހީގެ އިތުރުން މިތަނުގައި ނެތް ވައްތަރެއްގެ ސައެއް ނެތެވެ. ދުނިޔޭގެ ގައުމުތަކުގައި އެންމެ މަޝްހޫރު ވައްތަރު ވައްތަރުގެ ސައި މިހިރީ ލިބޭށެވެ. ތަފާތު ޖޫސްތައް ވެސް ލިބެން އެބަހުއްޓެވެ. ޗައިނީޒް ފަތުރުވެރިންނަށް އަމާޒުކޮށްގެން މިތަން ހުޅުވި ނަމަވެސް މިތަނަކީ ދިވެހިންނަށް އެންމެ ކަމުދާނެ ރަަހަތައް ލިބެން ހުންނަ ތަނެކެވެ. މިއީ ކާއެއްޗެހީގެ ދުނިޔެ އެކެވެ.

"މިއީ އަޅުގަނޑުމެންގެ ހަތަރު ރެސްޓޯރެންޓުގެ ތެރެއަށް އިތުރުކުރި މުހިންމު ބޮޅެއް، ދުވާލުގެ ހަަމަ ކޮންމެ ވަގުތެއްގައި ވެސް ސައި ތައްޓެއް ބޯލަން ވެއްޖެނަމަ މިތަނަށްވުރެ ފުރިހަމަ އެހެން ތަނެއް ނެތްް، އެންމެ މީރު ރަހަތަކުގެ ސަޔާއެކު މިހުރީ އޭޝިއާ އަދި ހުޅަނގުގެ އެންމެ މީރު ރަހަތައް ލިބެން." ޝެރަޓަން ފުލް މޫން ރިސޯޓުގެ އެފް އެންްޑް ބީ މެނެޖާ ރަޝްވާން އިބްރާހިމް ވިދާޅުވި އެވެ.

"މިތަނަށް ޓީ ސެލެކްޓްކޮށްފައި މިހުރީވެސް ދެ މަސް ވަންދެން އެކި ކަހަލަ ޓީ އެކްސްޕީރިއަންސް ކުރުމަށްފަހު. އަޅުގަނޑު ހަމަ އަމިއްލަ އަށް ދެމަސް ދުވަސް ހޭދަ ކުރިން އެކި ކަހަލަ ސައި ރަހަ ބެލުމުގައި. އެންމެ މީރު ރަހަތައް މިތަނުން ލިބެން މިހިރީ މިހާރު" ރަޝްވާން އިތުރަށް ވިދާޅުވި އެވެ.

މި ޓީ ހައުސްގައި އެންމެ ހިންހަމަޖެހޭ އަނެއް ކަމަކަށް ފާހަގަ ކުރެވުނީ މިތަނުގެ މުވައްޒަފުންގެ ހިތްހެޔޮ ކަމެވެ. ކަސްޓަމަރުންނަށް ރީތި ހިނިތުންވުމަކާއެކު މަރުހަބާ ކިޔާ ހިދުމަތް ދިނުމަށް އަވަސްވެ ގަންނަ މުވައްޒަފުންތަކެކެވެ.

ހިތް ފަސޭހަކަމުން ފުރިގެންވީ މިރަށުގެ ގޮނޑުދޮށާއި މޫދު މިއޮތީ ހަމަ ހުޅުވާލާފަ އެވެ. ނުވަތަ ސުވިމިން ފޫލަށް އެރިލައިގެން އައިސް ކުރިމަތީ މިހިރަ ޓީ ހައުސް އަށް ވަދެލާށެވެ. އެންމެ ހިންހަމަޖެހޭ ފެންވަރުގެ ކާ އެއްޗެހި ލިބެން މިހުރީ އެވެ. މޫޑުވެސް ބަދަލުކޮށްލާނެ އެވެ.