ފިނިޕޭޖް

ގޭމް އޮފް ތްރޯންސް: މުހިންމު ފަސް ކެރެކްޓާއެއް މަރުވުމުގެ ފުރުސަތު ބޮޑު

May 27, 2016
2

އެޗްބީއޯގެ ހިޓް ޑްރާމާ، "ގޭމް އޮފް ތްރޯންސް" ގޭމް އޮފް ތްރޯންސްއަކަށް ވަނީ މި ސަބަބާ ހެދި އެވެ. އެންމެން ވެސް މަރުވާން ޖެހޭނެ އެވެ. މި ޝޯގައި ބުނަނީ މިހެންނެވެ. މި ޝޯގައި ވަނީ މިހެންނެވެ. އެހެން ހުރިހައި ޝޯތަކާ މި ޝޯ ތަފާތުވަނީ ވެސް މިހެންވެގެންނެވެ. މި ޝޯއަކުން އުފެއްދި ޓްރެންޑަކީ ވެސް މިއީ އެވެ.

ޝޯގެ މި ސީޒަން ގާތްގަނޑަކަށް ދެ ބައިވިއިރު ވެސް މި ވަނީ ބެލުންތެރިންގެ ފެވަރިޓަކު މަރާލައިފަ އެވެ. އެއީ "ހޯޑޯ" އެވެ. ޝޯގެ މި ސީޒަނުގައި އެންމެ ގިނަ ބަޔަކު ރޮއްވާލި މަރަކަށް ހޯޑޯގެ މަރުވާނެ އެވެ.

"ގޭމް އޮފް ތްރޯންސް" ގެ މި ސީޒަނަށް ބަލާއިރު މިއީ މިހައިތަނަށް ގެނެސްދިން އެހެން ހުރިހާ ސީޒަންތަކަކާއި އެޕިސޯޑްތަކާ މުޅިން ތަފާތު ސީޒަނެއް އަދި އެޕިސޯޑްތަކެކެވެ. މި ސީޒަންގެ ވާހަކަ އަދި ފޮތެއްގެ ގޮތުގައި ނުކުމެފައި ނެތުމަކީ އެންމެ ބޮޑު ތަފާތެވެ. އެހެންކަމުން ޝޯގެ ކުރިއަށް އޮތް ބައިގައި މަރުވާނެ ކެރެކްޓާސްތަކަކީ ކޮބައިކަމެއް ސީދާ ބުނާކަށް އެއްވެސް ބެލުންތެރިޔަކަށް ނޭނގޭނެ އެވެ.

މިހާތަނަށް މި ޝޯއެއް ކުރިއަށް ދިޔައިރު އޭގައި ވާނޭ ގޮތާއި މަރުވާނެ މުހިންމު ކެރެކްޓާސްތަކަކީ ކޮބައިކަން ގިނަ ބަޔަކަށް އޮތީ ފޮތުން އެނގިފަ އެވެ. އަދި މިދިޔަ ސީޒަނުގައި މަރާލި ޖޯން ސްނޯ މި ސީޒަނަށް އަލުން ދިރިގެން އަންނާނެކަން ވެސް އޮތީ މާ ކުރިން އެނގިފަ އެވެ.

އެކަމަކު މި ސީޒަނުގައި ޖޯން ސްނޯ އަށް ވާނެ ގޮތެއް އެއްވެސް ބެލުންތެރިޔަކަށް އަދި މީގެ ވާހަކައިގެ ފޭނުންނަކަށް ވެސް ހަގީގަތަކަށް ނޭނގެ އެވެ. މިއީ "ގޭމް އޮފް ތްރޯންސް" ގެ ސީޒަން ހައެއްގެ ފޯރި އިތުރަށް ގަދަވެ މި ޝޯގެ ޝައުގުވެރިކަން އެހެން ސީޒަންތަކަށް ވުރެ ބޮޑުވެގެންދާނޭ ކަމެއްވެސްމެ އެވެ.

ނަމަވެސް ޝޯއާ މެދު ވިސްނައި ފިކުރުކުރާ ފޭނުން ބުނަނީ މި ސީޒަން ވެގެންދާނީ ލޭއޮހޮރުވުން ބޮޑު ސީޒަނަކަށް ކަމަށެވެ. އެގޮތުން މުހިންމު 13 ކެރެކްޓާއެއް މި ސީޒަނުގައި މަރާލާނެ ކަމަށް ފޭނުން ލަފާކުރެ އެވެ.

ރެމްޒީ ބޯލްޓަން

"ގޭމް އޮފް ތްރޯންސް" ގައި ގޯސް މީހަކަށް ނުވަތަ ނުބައިނުލަފާ ކެރެކްޓާއަކަށް ދެރައެއް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ފެންނަ މަންޒަރުތަކަށް ބަލާއިރު ރެމްޒީ ސްނޯގެ ވަގުތު ވެސް އައިސް ޖެހެނީ އެވެ. މި ސީޒަނުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު މަރަކަށް މި އަނިޔާވެރި ކަލޭގެ މަރުވާނެ ކަމަށް ބެލެވެ އެވެ.

އޭނާގެ ރީކް އާއި ބްރައިޑް ސަންސާ ފިލައިގެން ދިއުމުން ރެމްޒީ އެ ވަނީ އެ ދެ މީހުންނާ އަލުން ބައްދަލުކުރުމަށް ކެތްމަދުވެފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ދެން އެންމެ އަވަހަށް އޭނާއާ ބައްދަލުކުރާނީ މަރެވެ. އެ މަރު ހިފައިގެން އަންނަ ކަމަށް ބެލެވެނީ ދިރިގެން އުޅޭ ޖޯން ސްނޯ އެވެ.

ހައި ސްޕެރޯ

މިއީ ބައެއް ބެލުންތެރިންގެ މެދުގައި މަގްބޫލު އަދި އަނެއް ބައެއްގެ ގޮތުގައި ނިކަން ބޮޑަށް ނަފުރަތު އަމާޒުވެފައިވާ ކެރެކްޓާއެކެވެ. ބަޔަކު މީހުންނަށް މި ކެރެކްޓާ އެހާ ކަމުދަނީ ޝޯގައި އެންމެ ނުލަފާ ކަމަށް މަޝްހޫރު ލެނިސްޓާސްގެ ވެރިކަމުގެ ބާރުތަކުގައި އަނދަގޮނޑިޖަހައިގެން އުޅޭތީ އެވެ. އެކަމަކު އޭނާގެ ބާރު އާދަޔާހިލާފަށް ގަދަވުމަކީ ބައެއް ބެލުންތެރިން އެހާ ރުހޭ ކަމެއް ނޫނެވެ.

އެކަމަކު ކޮންމެ ގޮތެއްވިޔަސް، "ގޭމް އޮފް ތްރޯންސް" ގައި ކެރެކްޓާއެއް މަރާލުމުގެ ހުރިހާ ބާރެއް އޮންނަނީ އޭގެ ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިން އަށް ކަމަށްވުމުން ބެލުންތެރިންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ނަމަވެސް މިއީ ފަހަރެއްގައި ހައި ސްޕެރޯގެ ދުވަސް ދުއްވާލާނެ ސީޒަނެކެވެ.

ހައި ސްޕެރޯގެ ދުވަސް ދުއްވާލަން އެންމެ ބޮޑަށް ކެތްމަދުވެފައި ވަނީ ވެރިކަމުގައި ތިބި ލެނިސްޓާސްތަކެވެ.

ބްރީއޭން އޮފް ޓާތު

ނިމިގެން ދިޔަ ސީޒަނުގައި ވެސް މި ކެރެކްޓާއެއް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ބެލުންތެރިންގެ ފެވަރިޓަކަށް މި ކެރެކްޓާ ބަދަލުކޮށްލީ ސީޒަން ހަތަރެކާ ހަމައިންނެވެ. އޭގެ ކުރިން ސީޒަން ދޭއް އަދި ތިނެކުން ވެސް ބްރީއޭން ފެނިގެން ގޮސްފައިވެ އެވެ. ޔަގީނަށް ވެސް ގޭމް އޮފް ތްރޯންސްގެ ފިސާރި އަންހެނަކީ އޭނާ އެވެ.

ޓީވީ ޝޯގައި ބްރީއޭންގެ ރޯލު ކުޅެނީ އިނގިރޭސި ވިލާތުގެ ބަތަލާ ގްވެންޑޯލިން ކްރިސްޓީ އެވެ. އޭނާ ވަނީ މިފަހުން "ޓޮޕް އޮފް ދަ ލޭކް" ޓީވީ ޑްރާމާގެ ސީޒަން ދޭއެއްގެ މުހިންމު ކެރެކްޓާއަކަށް ސޮއިކޮށްފަ އެވެ. މިއީ "ގޭމް އޮފް ތްރޯންސް" އިން އޭނާ ގެއްލެން އުޅޭ ކަމުގެއް ހެއްކެއް ކަމަށް ފޭނުން ލަފާކުރެ އެވެ.

މެލެސެންޑްރާ

މިއީ ދަ ރެޑް ވުމަން އެވެ. ސިހުރުހާހޫރަށް އެފަދަ ދެ ވަނައެއް ނެތް އަދި ޝޯގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭ ކެރެކްޓާއެކެވެ. ނަމަވެސް މެލެސެންޑްރާގެ ނިކަން ބޮޑު ސިއްރެއް ވަނީ މި ސީޒަނުގައި ހާމަކޮށްފަ އެވެ. އަނެއްކޮޅުން ޖޯން ސްނޯ އަހަރެމެންނާ ހަމަ އަށް އަނބުރާ ގެނެސްދިނުމަށް އޭނާވި ގުރުބާނީއެއްގެ ސަބަބުން މި ސީޒަނަކީ އޭނާގެ ފަހު ސީޒަން ކަމަށް ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ނިންމައިގެންނެވެ.

ޝީރީން ބެރޭތިއޯން މަރާލުމުގެ ފަހަތުގައި ހުރީ މެލެސެންޑްރާކަން ޑޭވޮސް ސީވޯތަށް އެނގޭ ހިސާބުން މެލެސެންޑްރާގެ ދުވަސް ދުއްވާލާނެ ކަމަށް ބެލެވެ އެވެ.

ޓޮމެމް ބެރޭތިއޮން

އަޔަން ތްރޯން ގައި މިވަގުތަށް ހުރީ އޭނާ އެވެ. ކިންގް ޖޮފްރީ އަށް ފަހު ތަހުތަށް އައި ކުއްޖާއެވެ. އެކަމަކު މި ކުދިންތަކަކީ ހަގީގަތުގައި ތަހުތުގެ ހައްގުވެރިންތަކެއް ނޫނެވެ.

ތަގުދީރު ލަފާކޮށް ކިޔައިދޭ އަންހެނެއް ކަމުގައިވާ މެގީ ވެސް ލަފާކޮށްފައި ވަނީ މިގޮތެވެ. ސޭސީ ލެނިސްޓާގެ ހުރިހާ ދަރިން ވެސް މަރުވާނެ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި މި ސީޒަން ނިންމާލާނީ ޓޮމެމްގެ މަރުންނެވެ.