ދުނިޔެ

އުފަންވިއިރު ބަރުދަނުގައި 6.8 ކިލޯ! މިއީ އިންޑިއާގެ އެންމެ ބަރު ކުއްޖާ!

May 26, 2016

ކަރްނާޓަކާ (26 މެއި) - ބަރުދަނުގައި 6.8 ކިލޯގްރާމް ހުރި މި ކުއްޖާ ނެގީ ސިޒޭރިއަން ހަދައިގެން މިއަދު އެވެ. އިންޑިއާގައި ވިހާ ކުދިންގެ އާންމު ބަރުދަނަކީ 2.5 ކިލޯއެވެ. ނަމަަވެސް ކަރުނާޓަކާ ސްޓޭޓަށް މިއަދު އުފަންވި މި ކުއްޖާގެ ބަރުދަން ރިކޯޑްކުރުމަށް ފަހު އިންޑިއާގެ ޑޮކްޓަރުން ބުނަމުން ދަނީ މިއީ އިންޑިއާ އަށް އުފަންވި އެންމެ "ބަރު ކުއްޖާ" ކަމަށް ވެސް ވެދާނެ ކަމަށެވެ.

މިއީ އަންހެން ކުއްޖެކެވެ.

"މިއީ އިންޑިއާގެ އެންމެ ބަރު، އެންމެ ބޮޑު ކުއްޖާ. އެހެން ބުނެވިދާނެ. ދުނިޔޭގައި ވެސް މި ގޮތަށް ރިކޯޑްކުރެވިފައިވާ އެންމެ ބަރު ކުއްޖާތޯ ބުނާކަށް އަދި ނޭނގޭ،" ކަރްނާޓަކާގެ ހަސަން ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް ހެލްތު ސޮފިޝަލެއް ކަމުގައިވާ ޑރ. ވެންކަޓޭޝް އާރް ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ޑޮކްޓަރުން ބުނެފައި ވަނީ މި ކުއްޖާގެ ބަރުދަނުގެ އިތުރުން އިސްކޮޅު ވެސް ރިކޯޑަކަށް ވެދާނެ ކަމަށެވެ.

"މި ކުއްޖާގެ އިސްކޮޅުގައި އެބަހުރި 62 ސެންޓިމީޓަރު (24.4 އިންޗި) އާންމުކޮށް އިންޑިއާގައި ވިހާ ކުދިންގެ އިސްކޮޅަކީ 50 ސެންޓިމީޓަރު،" ބަރުދަނުގައި 6.8 ކިލޯ ހުރި ކުއްޖާ އާއި އެ ކުއްޖާގެ މަންމަ، ނަންދިނީ އަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރު އެސްއާރު ކުމާރު ބުންޏެވެ.

ނަންދިނީގެ އަންހެން ދަރިފުޅު އެވަރަށް ބަރުވުމުގެ ސަބަބު ހޯދުމުގެ މަސައްކަތް ޑޮކްޓަރު ދަނީ މިހާރު ކުރަމުންނެވެ.

މިގޮތަށް ކުދިން އާދަޔާހިލާފަށް ފަލަވާ ނުވަތަ ބަރުވާ އާންމު ސަބަބަކަށް ވެފައި އޮންނަނީ މަންމަ ހަކުރު ބަލީގެ މީހަކަށްވުމެވެ. ނަމަވެސް މި ކުއްޖާގެ މަންމަ އަކީ ހަކުރު ބަލީގެ އަންހެނެއް ނޫނެވެ. މިކަން ވެފައި ވަނީ ޑޮކްޓަރުން ވެސް ހައިރާންކޮށްލި ކަމަކަށެވެ.

މީގެ ކުރިން އުފަންވި ކުދިންތަކަށް ބަލާއިރު، އެންމެ ބަރުކުއްޖާގެ ރިކޯޑް އޮތީ އުއްތަރު ޕްރަދޭޝް އަށް މިދިޔަ އަހަރު އުފަންވި ކުއްޖެކެވެ. އެ ކުއްޖާގެ ބަރުދަނުގައި 6.7 ކިލޯ ހުއްޓެވެ.

އުފަންވިއިރު އެންމެ ބަރު ކުއްޖެއްގެ ގޮތުގައި ރިކޯޑްކުރެވިފައިވާ ދުނިޔޭގެ ރިކޯޑަކީ 10.2 ކިލޯއެވެ. އެއީ 1955 ވަނަ އަހަރު އިޓަލީ އަށް އުފަންވި ކުއްޖެކެވެ.