ބޭރު ކުޅިވަރު

ކަކާ އަނެއްކާ ވެސް ބްރެޒިލް ޓީމަށް

އަންނަ ހުކުރު ދުވަހު ފަށާ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގައިކުޅޭ ބްރެޒިލް ޓީމަށް ކަކާ ނަގައިފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2007 ވަނަ އަހަރުގެ ހޯދި ކަކާ ޓީމަށް ނެގީ ބަޔާން މިއުނިކްގެ ޑަގްލަސް ކޯސްޓާގެ ބަދަލުގަ އެވެ. އޭނާ އަށް ވަނީ އަނިޔާވެފަ އެވެ.

އޮލާންޑޯ އަށް ކުޅޭ އުމުރުން 34 އަހަރުގެ ކަކާ އަކީ ކޯޗު ކާލޮސް ޑުންގާގެ ޓީމުން ފަހަކަށް އައިސް ގަވާއިދުން ޖާގަ ލިބެމުން އަންނަ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް ކުޅެން ލިބެނީ ވަރަށް މަދުވަގުތެކެވެ. އެއީ ޒުވާން ކުޅުންތެރިން ގިނަވުމުންނެވެ.

ކަކާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް 91 މެޗު ކުޅެދީ 29 ގޯލު ޖަހާދީފައިވާ ކުރިން ވަރަށް މޮޅު އެޓޭކިން މިޑްފީލްޑަރެކެވެ. އޭނާ އަކީ އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިން ބާކީ ކުރަން ޖެހުމުން ބްރެޒިލް ޓީމަށް ބަދަލު ގެނައުމަށް ނެގި ދެ ވަނަ ކުޅުންތެރިޔާ އެވެ. ސަންޓޯސްގެ ފޯވަޑް ރިކާޑޯ އޮލިވޭރާގެ ބަދަލުގައި ޓީމަށް ނެގީ ޖޯނަސް އެވެ.

މި ފަހަރުގެ މުބާރާތުގައި ބްރެޒިލްގެ ކެޕްޓަން ނޭމާ އާއި ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ ވެސް ނުކުޅޭނެ އެވެ.

ކޮޕާ އެމެރިކާގައި ބްރެޒިލް ހިމެނެނީ އިކުއެޑޯ އާއި ހައިޓީ އަދި ޕްރޫއާއެކު ގްރޫޕް ބީގަ އެވެ.