ބޭރު ކުޅިވަރު

ރަޝްފޯޑްގެ ލަނޑުން އިނގިރޭސި ކޯޗަށް ބޮޑު ހިތްހަމަޖެހުމެއް

މާކަސް ރަޝްފޯޑާއި ކެޕްޓަން ވޭން ރޫނީ ޖެހި ދެ ލަނޑުން އޮސްޓްރޭލިޔާގެ މައްޗަށް އިނގިރޭސިން ރޭ 2-1އިން ކުރި ހޯދިއިރު ރަޝްފޯޑު ގޯލަކީ ވަރަށް ބޮޑަށް ހިތްހަމަޖެހުމެއް ކަމަށް އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ކުޅުނު މި މެޗުގައި އިނގިރޭސި ޓީމުން ބައެއް މުހިންމު ކުޅުންތެރިން ލައްވައި ކުޅުވާފައިނުވެ އެވެ.

ނަމަވެސް ކޯޗު ބުނީ އޭނާ ބޭނުންވި ހުރިހާ ކަމެއް ރަޝްފޯޑްގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ.

"އޭނާ ވަރަށް ރަނގަޅަށް ކުޅުނު. އަހަރެން ބޭނުވި ހުރިހާ ކަމެއް އޭނާގެ ފަރާތުން ފެނިގެންދިޔަ. އޭނާގެ ދެއްކި ކުޅުމުގެ ސަބަބުން ވަރަށް ބޮޑަށް އުއްމީދުއާވެއްޖެ. އެކަމަކު 23 ކުޅުންތެރިންގެ ސްކޮޑުން އަދި އޭނާ އަށް ވެސް ޖާގަ ޔަގީނެއްނޫން. އެކަމަކު އޭނާ އަށް އިތުބާރުކޮށްފައި މި މެޗަށް އޭނާ ނެރެވުނު ކަމާމެދު އަހަރެން އަމިއްލަ އަށް ވެސް ފަހުރުވެރިވަން،" ހޮޖްސަން ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ 18 އަހަރުގެ ފޯވަޑް ރަޝްފޯޑު މި މެޗުގެ ތިން ވަނަ މިނިޓްގައި ޖެހި ގޯލާއެކު އޭނާ ވެފައިވަނީ އިނގިރޭސި ޓީމަށް އެންމެ ޒުވާން އުމުރެއްގައި ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.

އިނގިރޭސި ޓީމާ މެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި މެޗުގައި ރަޝްފޯޑް ދެއްކި ކުޅުމުގެ ސަބަބުން ހޮޖްސަން ފައިނަލް 23 ކުޅުންތެރިން ނަގާއިރު ފަސް ފޯވަޑުން ޓީމުގައި ބައިތިއްބާނެ ކަމަށެވެ. އެއީ ރަޝްފޯޑާއި ރޫނީ އަދި ހެރީ ކޭން އާއި ޖިމީ ވާޑީގެ އިތުރުން ޑެނިއަލް ސްޓަރިޖެވެ.

ކޯޗު ބުނީ މި މެޗުގައި ސްޓަރިޖް ނުކުޅުނީ ކުޑަކުޑަ ހާނިއްކައެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މި މެޗުގައި ނުކުޅުމަކީ އޭނާ ޓީމާއެކު މުބާރާތަށް ނުގެންދަންވީ އެއްވެސް ސަބަބެއްނޫން ކަމަށާއި ސްޓަރިޖްގެ ބޭނުން ވެސް ހިފޭނެ ވަގުތު އަންނާނެ ކަމަށެވެ. އަދި ރަޝްފޯޑަށް ދެ އަރިމަތިން ވެސް ކުޅެވޭނެކަން ޔަގީންވެއްޖެ ކަމަށެވެ.

ކޯޗު ރޯއި ހޮޖްސަން ބޮޑަށް އިސްކަން ދީފައިވަނީ ހުސްވި ހަފުތާގައި ތުރުކީ އަތުން މޮޅުވި ޓީމުގައި ނުކުޅޭ ކުޅުންތެރިންނަށް މި މެޗުން ފުރުސަތުދޭށެވެ. މި ގޮތުން އެއްވަނަ ކީޕަރު ޖޯހާޓް ބެންޗުގައި އިންއިރު ބާންލީގެ ކީޕަރު ޓޮމް ހާޓްސަން އާއި ތިން ވަނަ ކީޕަރު ފްރޭސާ ފޯސްޓާ ވެސް މި މެޗުގައި ކުޅެނެވެ.

ޔޫރޯ އަށް ތައްޔާރުވާން ރޭ ކްރޮއޭޝިޔާ ކުޅުނު މެޗުން މޮޅުވީ މޯލްޑޯވާ އަތުން 1-0އިންނެވެ. ނެދަލޭންޑްސް އާއި އަޔްލޭންޑް 1-1އިންވީ އެއްވަރެވެ. ނޮދަން އަޔަލޭންޑް 3-0އިން މޮޅުވީ ބިލާރުސް އަތުންނެވެ. ޗެކް ރިޕަބްލިކް 6-0އިން މޮޅުވީ މޯލްޓާ އަތުންނެވެ. މި މެޗުގައި ކުޅުމާއެކު އާސެނަލްގެ ކީޕަރު ޕީޓަ ޗެކްވެފައިވަނީ ޗެކްރިޕަބްލިކް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުންތެރިޔާއަށެވެ.