ހޮލީވުޑް

ޖޮނީ ޑެޕް އޭނާގެ އަންހެނުންނަށް އަނިޔާކުރަނީތަ؟

May 28, 2016
1

އެކްޓަރު ޖޮނީ ޑެޕް އާއި އެކްޓްރެސް އެމްބާ ހާޑް އަކީ ހޮލީވުޑްގައި ތައުރީފު އޮހުނު ޖޯޑެކެވެ. ނަމަވެސް ދެ މީހުންގެ ކައިވެންޏަށް 15 މަސްވީތަނުން މި ވަނީ ވަރިވުމަށް ނިންމައި މައްސަލަ ކޯޓަށް ވައްދައިފަ އެވެ. މި މައްސަލައެއް ފަލަ ސުރުހީން ނުނެއްޓިގެން އުޅެނިކޮށް މި ލޯބި ޖޯޑެއްގެ ވާހަކަ މި ވަނީ އަނެއްކާވެސް އިތުރަށް ކިލަނބުވެގެން ގޮސްފަ އެވެ.

އެމްބާ ބުނާ ގޮތުން ޖޮނީ ޑެޕްއާ ކައިވެނިކޮށްގެން ހޭދަކުރި 15 މަސް ދުވަސް ތެރޭގައި އޭނާ ވަނީ ގެވެށިއަނިޔާގެ ޝިކާރައަކަށް ބަދަލުވެފަ އެވެ. ވަރިވުމަށް އެދި ކޯޓަށް މައްސަލަ ވެއްދީ ވެސް އެމްބާ އެވެ.

އަދި ޖޮނީ ޑެޕް އޭނާ އަށް ހަމަލާ ދީގެން ލިބިފައިވާ ކަމަށް ބުނާ އަނިޔާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނާ ވަނީ މީޑިއާގައި އާންމުކޮށްފަ އެވެ. މި މައްސަލަ ކޯޓަށް ވައްދައިގެން އެމްބާ ވަނީ އެންމެފަހުން ޖޮނީ ޑެޕަށް އޭނާއާ ގާތަށް ނާދެވޭ ވަރުގެ ހުކުމެއް ވެސް ކާމިޔާބުކޮށްފަ އެވެ.

ޖޮނީ ޑެޕް، އެމްބާއާ ބައްދަލުނުކުރުމަށާއި އޭނާއާ އެއްވެސް ކަހަލަ ގޮތަކަށް ގާތްވުމަށް މަސައްކަތްނުކުރަން ކޯޓުން ވަނީ މިހާރު ހުކުމެއް ނެރެފަ އެވެ. އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ އެމްބާގެ މޫނުމަތިން ތަންގަނޑެއް މަށައިގެންގޮސްފައިވާ މަންޒަރެވެ. އޭނާ ބުނާ ގޮތުން ނަމަ އެއީ އައިފޯނަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބިފައިވާ އަނިޔާ އެވެ.

އުމުރުން 30 އަހަރުގެ އެމްބާ އާއި ޖޮނީ ޑެޕް ބައްދަލުވެ ދެ މީހުންގެ ހިތް އެކަކު އަނެކަކަށް ބަންޑުންވީ ދެ މީހުން އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ މަސައްކަތުގައި އުޅެނިކޮށެވެ. އެ ހިސާބުން ފެށިގެން ޑޭޓުކުރަން ފެށިގޮތަށް ގޮސް ދެ މީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ދެ ތަރިންގެ ގުޅުމަށް ދަރިއަކު ލިބިފައެއް ނެތެވެ.

ޖޮނީ ޑެޕަކީ ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ އަގު އެއް އެކްޓަރެވެ. "ފައިރޭޓްސް އޮފް ދަ ކެރީބިއަން" ފިލްމު ސިލްސިލާ އިން ދުނިޔެ އަށް މަޝްހޫރުވެގެން ދިޔަ 52 އަހަރުގެ ޑެޕް އެންމެއަވަހަށް ބެލުންތެރިންނަށް ދެން ފެންނާނީ "އެލިސް ތުރޫ ދަ ލުކިން ގްލާސް" އިންނެވެ.

އެމްބާ އެންމެފަހުން ފެނިގެން ދިޔައީ "ދަ ޑެނިޝް ގާލް" އާއި "މެޖިކް މައިކް އެކްސްއެކްސްއެލް" އިންނެވެ.