ދިވެހި ސިނަމާ

ސުނީތާ އަކީ ޑާލިންއެއް: އުފަން ދުވަހުގެ ހަދިޔާ އަކީ ވެސް "ޑާލިންއެއް"

ދިވެހިންގެ މުނިފޫހިފިލުވުމަށް، ސުނީތާ އަލީ، ނަށައި އުޅޭތާ މިހާރު 20 އަހަރުވީ އެވެ. އާންމުންގެ ތެރެއަށް ނުކުމެ އޭނާ ފުރަތަމަ ނެށީ 1995 ވަނަ އަހަރުގެ ގެލެކްސީ ޝޯގެ ތެރެއިންނެވެ. އޭނާ ބުނީ ލަދުކަނޑާލާފައި ސްޓޭޖަށް އެރީ، ލަވައަކަށް ނަށާލާނެ ކުއްޖަކު ނުލިބިގެން މީހަކު އާދޭސް ކުރަން ފެށުމުން ކަމަށެވެ.

އެއީ މިއަދު އަހަރެމެންނަށް މި ފެންނަ މަޝްހޫރު ނެށުންތެރިޔާ ސުނީތާގެ އުފެދުމެވެ. އެއަށް ފަހު އާމްދަނީއެއް ހޯދުމަށް، ނެށުން ނޫން އެހެން ދެ ވަނަ ކަމެއް ސުނީތާ ނުކުރެ އެވެ. އެހެންވީމަ، ވިއްސަކަށް ވުރެ ގިނަ އަހަރުވަންދެން ދިވެހިން މުނިފޫހިފިލުވައިދިން ކަމަށްޓަކައި އޭނާ އަށް ގައުމީ އެވޯޑެއް ވެސް މިހާރު ހަގީގަތުގައި ހައްގެވެ. އެފަދަ އެވޯޑެއް ވެގެންދާނީ ވަކިން ހާއްސަކޮށް އަންހެނުންގެ ބާރުވެރިކަމަށް ވެސް ދެވޭ ހިތްވަރަކަށްކަން ޔަގީނެވެ.

އެކަމަކު ވަރަށް ފަހަކާ ޖެހެންދެން ސުނީތާ އަކީ ގިނަ ދިވެހިންނަށް "މީހެއް" ނޫނެވެ. އެ އަންހެނާގެ ނަސީބަކަށްވީ ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާގެ އާދަޔާހިލާފު ފޭނަކަށް އޭނާވިވުމެވެ.

ދިވެހިންގެ "ޑާލިންއަކަށް" ސުނީތާ ބަދަލުވެގެން ދިޔައީ ޕަރިޔާންކާގެ ފޯރިގަނޑެއް އަރުވާލި ހިސާބުންނެވެ. މިއަދު އޭނާ "ޑާލިންއަކަށް" ބަދަލުވެފައިވާއިރު މި ހާއްސަ ދުވަހު ސުނީތާ ވެސް ކިޔާ ލަވައަކީ ހަމަ މިއީ އެވެ. -- ސުނީތާ... އޯ މައި ޑާލިން!!!

މިހެންނެވެ!

މިއަދު މިއީ ސުނީތާގެ އުފަން ދުވަހެވެ. އުމުރު ހާމަނުކުރަން އެދިފައި އޮތީމަ ކިތައް ވަނަ އުފަން ދުވަހެއްކަމެއް އަޅުގަނޑެއް ނުބުނާނަމެވެ. އެކަމަކު ދެން މި އޮތީ މި ހާއްސަ ދުވަހު ސުނީތާ ހާމަކުރަން ބޭނުންވާ އެންމެ ބޮޑު ސަަޕްރައިޒްގެ ވާހަކަ އެވެ.

ސުނީތާ އޯ މައި ޑާލިންގެ އަޑަކީ ވެސް ސުނީތާ

ސުނީތާ އަކީ ޕްރިޔާންކާ ޗޯޕްރާގެ އެންމެ ބޮޑު ދިވެހި ފޭން އެވެ. ޕްރިޔާންކާ އަކީ ނިކަން މޮޅު ލަވަކިޔުންތެރިއެއް ވެސްމެ އެވެ. އެކަމަކު ސުނީ ބުނަނީ އަމިއްލަ އަޑުން ލަވައެއް މި ރިކޯޑްކުރީ އެއްގޮތަކަށް ވެސް ޕްރިޔާންކާ ލަވަކިޔާތީ ނޫން ކަމަށާއި ޕްރޮފެޝަނަލްކޮށް ލަވަކިޔުމުގެ ވިސްނުމެއް ވެސް ހުރީތީއެއް ނޫން ކަމަށެވެ.

"މަށަކީ ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް ނޫން. އެހެންވީމަ ކޮމްޕެއާ ނުކުރާތި އޮރިޖިނަލްއާ. މިއީ ޕެޝަން ވީމަކޮށްލި ކަމެއް،" މިއަދަށް ހާއްސަކޮށްގެން އުފެއްދި ލަވައާ ބެހޭ ގޮތުން ސުނީތާ ބުންޏެވެ.

"ފޭނުން މިގޮތް ބޭނުންވީމަ ކޮށްލި ކަމެއް މިއީ. މުސްތަގުބަލްގައި ލަވަކިޔާނެއެކޭ ނޫން. ވޮއިސް ޓްރެއިނިން ހަދައިގެން މީހެއް ކައިރިއަށް ގޮސް ލަވަ ދަސްކޮށްގެނެއް ވެސް ނޫން އަޅުގަނޑު މި ލަވައެއް ކީ."

އެހެންވީމަ އެއްވެސް މީހަކު ސުނީތާއާ ދިމާކުރަން ހަދާނެ ކަމެއް ނެތެވެ. އޭގެ ބަދަލުގައި ފާހަގަކުރަންވީ އޭނާގެ ހިތްވަރާއި ހިތްހެޔޮކަމެވެ. މި ލަވައަކަށް ވެސް އެތައް ހާސް ރުފިޔާއެއް އޭނާ ހޭދަކޮށްފައި އެ ވަނީ ސީދާ އޭނާގެ ފޭނުންނަށްޓަކަ އެވެ.

"މިއީ 40،000ރ އަށް ވުރެ މަތީ ބަޖެޓަކުން އުފައްދާފައިވާ ލަވައެއް. އަޅުގަނޑަކީ އަބަދުވެސް ތަފާތުކޮށް ކަންތައް ކުރާ މީހެއް. އެހެންވީމަ އަޅުގަނޑުގެ އަމިއްލަ އުފަން ދުވަހު ބޭނުންވީ ފޭނުންނަށް ހަދިޔާއެއް ދޭން. މިއީ އެ ހަދިޔާއަކީ،" ސުނީތާ ބުންޏެވެ.

މިއީ އަލަށް އުފައްދާފައިވާ ސުނީ ސްޕެޝަލް ޕްރޮޑަކްޝަންގެ އަލަތު މަސައްކަތެވެ. ޔޫޓިއުބު މެދުވެރިކޮށް ރޭ ނެރެފައިވާ މި ލަވައިން ސުނީތާއާ އެކު މުޅިން އާ ދެ ފިރިހެން ނެށުންތެރިން ފެނިގެންދާނެ އެވެ. އަދި ގޮމަ ގްރޫޕާއި އެހެން ޑާންސް ގްރޫޕެއްގެ ހުނަރު ވެސް ދައްކާލާނެ އެވެ.

މި ލަވައިގައި ސުނީތާ ބުނަނީ "ޕްލީޒް ކަމް ޓު މީ" އޭ އެވެ. ކޮންމެއަކަސް އުފަންދުވަހާ ދިމާކޮށް ސުނީތާ ނެރެލާފައި މި އޮތީ ވަރަށް ވެސް ސްޓީމީ ލަވައެކެވެ. މި ދުވަސްކޮޅުގެ މޫސުމަށް ވެސް ވިސްނައިގެންނެވެ. ކޮންމެއަކަސް މިފަދަ މޫސުމެއްގައި ކަނޑުދަތުރުކުރާއިރު މިފަދަ ލަވައަކަށް ގެއްލިއްޖެ ނަމަ ހިޔާލަށް ނުގެނެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެސް ވެދާނެ އެވެ.

އެހެންވީމަ ހުރިހާ ބޭފުޅުން ވެސް ސަމާލުވާން ޖެހޭނެ އެވެ. އެއަށް ފަހު އެންމެން އެކުގައި ސުނީތާ އަށް ވިޝްކޮށްލަމާ ހިނގާށެވެ.