ލ. ގަން

ލާމް ލިންކްގައި ތާރު އަޅާ ނިންމާލައިފި

ލ. ފޮނަދޫން ގަމަށް ހަދާ މަގު، "ލާމް ލިންކް" ގައި ތާރު އެޅުމުގެ މަސައްކަތް މުޅީން ނިންމާލައިފި އެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު "އަވަސް" އަށް ވިދާޅުވީ ލާމް ލިންކްގެ ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަނީ މަގުގެ ޓްރެފިކް ނިޝާންތަަކާއި ޓްރެފިކް ބައްތިތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ލާމް ލިންކު މަސައްކަތް މިހާރުދާ ސްޕީޑުގައި ކުރިޔަށް ދާނަމަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ވެރިރަށް ފޮނަދޫ އާއި އެއާޕޯޓް ހިމެނޭ ކައްދޫ އާއި ސިނާއީ ރަށް، މާންދޫ އާއި ރާއްޖޭގެ އެންމެ ބޮޑު ރަށް ގަމާއި ގުޅިފައިވާ 16 ކިލޯ މީޓަރުގެ ދިގު މަގު ހަދަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާއެވެ. އަދި އެ މަސައްކަތް ކުރަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ދިން 171.7 މިލިޔަން ރުފިޔާ އިންނެވެ.