ވިޔަފާރި

ބީއެމްއެލްއިން ދައުލަތަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާނެ: އެންޑްރޫ

May 28, 2016
3

ފައިދާއިން ދައުލަތައް ދައްކާ ބޭންކް ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ސަރުކާރަށް ދޭ ޑިވިޑަންޑާ އެކު މިއަހަރު 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބީއެމްއެލް އިން ދައުލަތަށް ދައްކާނެ ކަމަށް ގައުމީ، ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ކުރުބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ، ބޭންކުން އަބަދުވެސް އޮންނާނީ މުޅި ރާއްޖެއަށް ހިދުމަތް ދިނުމުގައި ފަހުރުވެރިވާ ބޭންކެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ބީއެމްލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ފައިދާއާ މެދު ޝައްކެއް ނެތް އިރު ރާއްޖޭގައި ޓެކްސް ދައްކާ މާލީ އިދާރާތަކުގެ ތެރެއިން ދައުލަތަަށް އެންމެ ގިނައިން ޓެކްސް ދައްކާ އިދާރާ އަކީ ބީއެމްއެލް ކަމަށެވެ. އެގޮތުން ބޭންކުން 25 ޕަސެންޓް ޓެކްސް ދައްކާ އިރު، ބޭންކުން ދައުލަތަށް ޑިވިޑެންޑް ވެސް ދައްކާ ކަމަށެވެ. އަދި ފައިދާ އިން ހިއްސާދާރުންނަށް މިރޭ ބަހަން ހުށަހަޅާ އަދަދު ފާސްވެއްޖެ ނަމަ، ބޭންކުން ސަރުކާރަށް 300 މިލިއަން ރުފިޔާ ދައްކާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"މިރޭ ފައިދާ ބަހަން ފާސްވެއްޖެ ނަމަ، ޓެކްސްއަށް ކެނޑުމުގެ ކުރިން މި އޮންނަ ފައިދާގެ ތިން ބައި ކުޅަ އެއްބައި ޑިވިޑެންޑްގެ ގޮތުގައި އަޅުގަނޑުމެން ދައުލަތަށް ދައްކާނެ. މިއީ އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ބޭރުން ދައުލަތަށް މި ބޭންކުން ދައްކާ ފައިސާގެ އަދަދު. އަދި މިދިޔަ އަހަރާއި މިއަހަރު އަޅުގަނޑުމެން 300 މިލިއަން ރުފިޔާ އެބަ އިންވެސްޓް ވެސް ކުރަން،" އެންޑްރޫ ވިދާޅުވި އެވެ.

ބެންކުގެ ހިދުމަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ހީލީ ވިދާޅުވީ ބެންކުން އަބަދުވެސް އިސްކަންދެނީ ގައުމުގެ ތަރައްގީގައި އިންވެސްޓުކުރުމަށް ކަމަށާޢި އެ މަސައްކަތުގައި މިދިޔަ އަހަރު ބެންކުން ގިނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އަދ ބީއެމްއެލް އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކްގެ ގޮތުގައި ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

ބޭންކްގެ ވިޔަފާރި ކުރިއެރުމާ ގުޅޭ ގޮތުން އެންޑްރޫ އަދި ވިދާޅުވި؛ "މިދިޔަ އަހަރު 15000 އާ ކަސްޓަމަރުން ބެންކާއި ގުޅިފައިވޭ. އަދި، މިހާރު ތިބި 265،000 ކަސްޓަމަރުންނާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ހުރިހާ އާއިލާތަކަށް ބެންކުގެ ހިދުމަތް ފުޅާކުރެވިފައިވާ،" ކަމަށެވެ. "ތިން އަހަރު ދުވަހުގެ ތެރޭގައި ރިސްކް ކޮންޓްރޯލް ކުރުމާއި ކުޑަކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ދެގުނަ އިތުރުކުރެވިފައިވޭ. އަޅުގަނޑުމެން ބެންކުގެ ތަރައްގީއަށް ކަނޑައަޅާފައިވާ ސްޓޭންޑަަޑްތަކަކީ ވަރަށް ހައި ސްޓޭންޑަޑްތަކެއް،"

މިއަހަރުގެ މިހާ ހިސާބަށްވެސް ބީއެމްއެލް އިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ބީއެމްއެލް އިން ވަނީ ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ ބަލާ އިރު، ފައިދާ އަށް 90 ޕަސެންްޓްގެ ކުރިއެރުމެއް ކަަމަށް ބެންކުން ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ހިންގާ، 300 މިލިއަން ރުފިޔާގެ ޕްރޮގްރާމްގެ ދަށުން، މިދިޔަ ކުއާޓާގައި އާ ދެ ބްރާންޗް، ފަސް ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ހުޅުވައިފަ އެވެ. އަދި އިޔާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ދޭ، ގްރީން ލޯން ވެސް ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮންލައިންކޮށް ރައްކާތެރިކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ވެސް ބީއެމްއެލް އިން ވަނީ ތައާރަފްކޮށްފަ އެވެ.