ބޭރު ކުޅިވަރު

ސަކޯ އަށް ޔޫރޯގައި ކުޅުމުގެ އުއްމީދު އާވެއްޖެ

މަނާ ބޭހެއް ބޭނުން ކުރުމުގެ ކުށުގައި ވަގުތީގޮތުން ސަސްޕެންޑްކޮށްފައި ހުރި ލިވަޕޫލާއި ފްރާންސްގެ ޑިފެންޑަރު މަމަޑޯ ސަކޯ އަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ސައްބީސް އަހަރުގެ ޑިފެންޑަރު 30 ދުވަހަށް ސަސްޕެންޑްކުރީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ކުރި ޑޯޕިން ޓެސްޓުން މަނާ ބޭހަށް އޭނާ ޕޮޒިޓިވް ވުމުންނެވެ.

ނަމަވެސް މާދަމާ އޭނާގެ ވަގުތީ ސަސްޕެންޝަން ހަމަވާއިރު މި ސަސްޕެންޝަނުގެ މުއްދަތު އިތުރު ނުކުރަން ޔޫއޭފާއިން ވަނީ ނިންމައިފަ އެވެ. އެއީ ސަކޯގެ ދިފާއީ ޓީމުން އޭނާ ބޭނުންކޮށްފައިވާ ބޭހަކީ ސަރުބީ ވިރުވާލަން ބޭނުންކުރި ބޭހެއް ކަމަށާއި އޭގެ ސަބަބުން މަނާ ބޭހަށް ޕޮޒިޓިވް ވެދާނެ ކަމުގެ ސައިންޓިފިކް ހެދި ދެއްކުމުންނެވެ. އަދި އޭނާ ބޭނުންކޮށްފައިވާ ބޭހަކީ އިންޓަނޭޝަނަލް ޑޯޕިން އެސޯސިއޭޝަނުން މަނާ ބޭހެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއްތޯ ވެސް ސަކޯގެ ޓީމުން ވަނީ ސުވާލުކޮށްފަ އެވެ.

މިހެންވެ ޔޫއޭފާއިން މިހާރު ވަނީ ސަކޯ ބޭނުންކުރި ބޭސް މަނާ ބޭހެއްގެ ގޮތުގައި ލިސްޓުކޮށްފައިވޭތޯ ބަލަން ނިންމައިފަ އެވެ. އަދި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާނީ އޭގެ ފަހުން ކަމަށް ބުނެފަ އެވެ.
ސަކޯގެ މައްޗަށް މަނާ ބޭސް ބޭނުންކުރިކަން ސާބިތުވެއްޖެނަމަ އޭނާ ހަ މަސް ދުވަހަށް ސަސްޕެންޑްކުރާނެ އެވެ. ނަމަވެސް މި މައްސަލާގައި އޭނާގެ ކޮޅަށް ބާރު ލިބޭ ހެކިތަކާއެކު ސަކޯ އަށް ސަސްޕެންޝަނެއް އައުމަށްވުރެ ނުވުން ދުރު ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ސަކޯ އަށް ޔޫރޯގައި ކުޅުމުގެ އުއްމީދުއާވިއިރު ފްރާންސް ޓީމުގެ ޑިފެންސް ލައިން ވެސް ވަނީ އަނިޔާގެ ސަބަބުން ހީނަރުވެފަ އެވެ. މިހެންވެ އޭނާ ޓީމަށް ނަގާނެކަން ނިންމުމަށް ކޯޗު ޑިޑިއޭ ޑެޝޯން އަށް ބާކީ އޮތީ އެންމެ 72 ގަޑިއިރެވެ. އަންނަ މަހުގެ 10ގައި ފްރާންސްގައި ފަށާ ޔޫރޯ ކުޅޭ ޓީމުތަކުން ޓީމު ލިސްޓް އަންނަ އަންގާރަ ދުވަހު ފައިނަލް ކުރަންޖެހެ އެވެ.