ބޭރު ކުޅިވަރު

އިނގިރޭސި ކުޅުންތެރިން ޓްރާންސްފާ އަށް ނުވިސްނަން ކޯޗު އެދެފި

އިނގިރޭސި ގައުމީ ޓީމާއެކު މިވަގުތު ތިބި ކުޅުންތެރިން ކުލަބު ބަދަލު ކުރުމާމެދު ނުވިސްނުމަށް ގައުމީ ކޯޗު ރޯއި ހޮޖްސަން ގޮވާލައިފި އެވެ.

އަންނަ މަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ އިނގިރޭސި ޓީމު އެންމެ ފަހުގެ ތަމްރީނުތައް ހަދަމުންދާއިރު ކޯޗު ވަނީ ގައުމީ ޓީމަށް އެކަނި ވިސްނަން ކުޅުންތެރިންނަށް ގޮވާލައިފަ އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު މިފަދައިން ގޮވާލީ ޑިފެންޑަރު ޖޯން ސްޓޯން އާއި ފޯވަޑް ޖިމީ ވާޑީ ފަދަ ކުޅުންތެރިން ގަތުމަށް ކުލަބުތަކުން މަސައްކަތް ކުރަމުންދާއިރު އޭގެ ނޭދެވޭ އަސަރު ކުޅުންތެރިންނަށް ކުރަމުންދާތީ އެވެ.

އެވަޓަންގެ ސްޓޯން ގަތުމަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާއިރު ވާޑި ގަތުމަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ކުލަބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

"މި ގްރޫޕުގައި (ޓީމުގައި މިވަގުތުތިބި) ކުޅުންތެރިން ވަނީ އެމީހުންތިބީ އިނގިރޭސި ގައުމީ ޓީމުގެ ޑިއުޓީގައިކަން ވަރަށް ބޮޑަށް ގަބޫލުކޮށްގެން. އިނގިރޭސި ޓީމުގައި ތިބޭއިރު ތިބޭނީ އިނގިރޭސި ޓީމުގެ ޑިއުޓީގައި. އެއީ ކުލަބު ޑިއުޓީއެެއްނޫން،" ހޮޖްސަން ބުންޏެވެ.

"އަހަރެން މިއުޅެނީ ކުޅުންތެރިންގެ ކުރިމަގަށް ހުރަސް އަޅާކަށްނޫން. އެކަމަކު އަހަރެންގެ ކަންބޮޑުވުމަކީ އަހަރުމެން ކުރަން މިއުޅޭ ކަމަށް ކުޅުންތެރިންގެ ސިނކުޑި ހުސްނުވެދާނެތީވެ. އިނގިރޭސި ގައުމީ ޓީމުގެ ޑިއުޓީއަކީ ކުލަބު ޑިއުޓީއެެއްނޫން. ގައުމީ ޓީމުގައި ހުންނައިރު ސިނކުޑި ހުންނަންވާނީ އިނގިރޭސި ގައުމީ ޓީމަށް، ކުލަބު ޑިއުޓީގައި ކުލަބުގެ ކަންތައްތައް އޮންނާނީ،" ކޯޗު ބުންޏެވެ.

އަންނަ އަންގާރަ ދުވަހު އިނގިރޭސި ސްކޮޑް ފައިނަލް ކުރަން ޖެހޭއިރު ކޯޗު ހޮޖްސަން ވަނީ މިހާރު ޓީމުގައި ތިބި 26 ކުޅުންތެރިންގެ ތެރެއިން ބާކީ ކުރާނެ ތިން ކުޅުންތެރިއެއް ކަނޑައަޅަން ދަތިވެފައިވާ ކަމަށް ބުނެފަ އެވެ.