ރޯމް (28 މެއި) - ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ބަދަލުގައި ޕިއްޒާ ދީގެން އެކަން ހަމަޖެއްސިޔަސް އޭގައި މައްސަލައެއް ނެތް ކަމަށް އިޓަލީގެ ކޯޓަކުން މީހެއްގެ މައްޗަށް ހުކުމްކޮށްފި އެވެ.
އުމުރުން 50 އަހަރުގެ މި ފިރިހެނެއްގެ މައްސަލަ އޭނާގެ ކުރީގެ އަނބިމީހާ ކޯޓަށް ވެއްދީ، ޚަރަދުގެ ގޮތުގައި އެމީހުންގެ 12 އަހަރުގެ އަންހެން ދަރިފުޅަށް ކޮންމެ މަހަކު ދޭން ޖެހޭ 330 އެމެރިކާ ޑޮލަރުގެ ބަދަލުގައި ޕިއްޒާ އާއި އެހެނިހެން ކާތަކެތި ފޮނުވާ މައްސަލަ ބޮޑުވެގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ކުއްޖާގެ ބައްޕަ އަކީ ޓޭކް-އައުޓް ޕިއްޒާ "ގާޑިޔަލެއް" ގެ ވިޔަފާރި ކުރާ މީހެކެވެ.
ޕިއްޒާގެ ބަދަލުގައި ފައިސާ ލިބޭނެ ގޮތް ހަދައިދިނުމަށް އެދި އަންހެން މީހާ ކޯޓަށް ދިއުމުން ފިރިހެން މީހާ ބުނެފައި ވަނީ ފައިސާއިން ޚަރަދުކުރާ ވަރުގެ އާމްދަނީއެއް އޭނާ އަށް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް ޕިއްޒާ އާއި ޕޭސްޓްރީގެ އެހެން ބާވަތްތަކުން ދަރިފުޅުގެ ޚަރަދު އަދާކުރެވިދާނެ ކަމަށެވެ.
ކޮންމެއަކަސް މި ހުށަހެޅުމެއް ފަނޑިޔާރަށް ނިކަން ކަމުގޮސްގެން އެންމެފަހުން މައްސަލަ ނިމިގެން ދިޔައީ ޕިއްޒާ އިން އެކަނި ވެސް ދަރިފުޅުގެ ޚަރަދު ދެވޭ ގޮތަށެވެ.
މި ފިރިހެން މީހާ އަކީ ކުރީގެ ކައިވެންޏަށް ފަހު އަލުން އެހެން މީހަކާ ކައިވެނިކޮށްގެން ތިން ކުދިން ވެސް ލިބިފައިވާ މީހެކެވެ.