ބޮލީވުޑް

ކަރީނާ އާއި ސޯނަމް އެއް ފިލްމަކުން!

May 29, 2016

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރި ކަރީނާ ކަޕޫރަކީ ކޮންމެ ކޮންމެ ފިލްމެއް ކުޅެން އެއްބަސްވާ ބަތަލާއެއް ނޫނެވެ.

ކަރީނާ ފިލްމެއް ކުޅެން އެއްބަސްވުމުގެ ކުރިން އެފިލްމަކުން އޭނާ ކުޅޭ ރޯލެއްގެ ބޮޑު ކުޑަ މިނަށް ބެލުމުގެ އިތުރުން ފިލްމުގައި މަޝްހޫރު ބަތަލެއް ހިމެނުމާއި އެފިލްމަކީ ބޮޑު ޑައިރެކްޓަރެއްގެ ފިލްމަކަށް ވާން ޖެހެ އެވެ.

ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން އެންމެ ގަދަޔަށް ދެކެވެމުން އައި ވާހަކައަކީ ސޯނަމް ކަޕޫރުގެ ކޮއްކޮ، ރިއާ ކަޕޫރް އަލަށް ޑައިރެކްޓްކުރާ "ވީރާ ދި ޝާދީ" މިފިލްމުގެ އެންމެ މުހިންމު ބަތަލާގެ ރޯލު ކަރީނާ އަށް ހުށަހަޅައި މިފިލްމު ކުޅެން އޭނާ އާނބަސް ބުނިކަމަށް ދެކެވޭ ވާހަކަ އެވެ.

ކުރިން މިފިލްމުގެ އެންމެ މުހިންމު ބަތަލާގެ ރޯލުން ފެނިގެންދާ ގޮތަށް ހަމަޖެހިފައި އޮތީ ސޯނަމް އެވެ. ނަމަވެސް އޭނާ ވަނީ ކަރީނާ އަށް ލީޑްރޯލު ދޫކޮށްލާފަ އެވެ. ސޯނަމް އާއި ކަރީނާ އާއެކު މިފިލްމުން ސްވަރާ ބާސްކަރް އާއި ޝިކާ ޓަލްސާނިއާ ވެސް ފެނިގެންދާނެ އެވެ.

މިފިލްމަކީ ހޮލީވުޑް ފިލްމު "ދަ ސިސްޓާހުޑް އޮފް ދަ ޓްރެވެލިން ޕެންޓްސް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. "ވީރާދި ޝާދީ" ގައި މިހަތަރު ބަތަލާއިން ކުޅެނީ ބެސްޓް ފްރެންޑުންގެ ރޯލެވެ. މިހަތަރު އެކުވެރިން އިންޑިއާގެ ދިއްލީއިން ޔޫރަޕަށްދާ ދަތުރުގައި އެއް އެކުވެރިއަކަށް ލޯބިވެވި އޭނާގެ ކައިވެނިކުރެ އެވެ.

ބުނެވޭ ގޮތުގައި މިފިލްމުން ހުށަހެޅުން ކަރީނާ އަށް ލިބުމުން ފިލްމު ކުޅެން އޭނާ އެއްބަސްވެފައިވަނީ ފިލްމުގެ ވާހަކަ ކަމުދިޔުމުންނެވެ. އަދި މިއީ ހުސް ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރުވެސްމެ އެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ. ކަރީނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ "ކީ އެންޑް ކާ" އިންނެވެ. އަދި ސޯނަމް ފެނިގެންގޮސްފައިވަނީ "ނީރްޖާ" އިންނެވެ.