ބޭރު ކުޅިވަރު

ޖަރުމަނު ކޯޗުގެ އިންޒާރެއް: ކުލަބު ބަދަލު ކުރަން ވިސްނަންވީ ޔޫރޯ އަށް ފަހު

ޖަރުމަނުގެ ކުޅުންތެރިން ކުލަބު ބަދަލު ކުރަން ވިސްނަނީވީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށް ކޯޗު ޖޯހިމް ލޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ މާރިއޯ ގޮޓްޒޭ އާއި ލެރޯއީ ސާނޭ ފަދަ ކުޅުންތެރިން ކުލަބު ބަދަލު ކުރުމުގެ ވާހަކަތަކާހުރެ މީޑިއާއިން އޭނާއާ ވެސް ސުވާލުތައް ކުރިމަތިކުރާތީ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ބަޔާން މިއުނިކަށް ކުޅޭ ގޮޓްޒޭގެ ޓްރާންސްފާ އަށެވެ.

އޭނާ ގަތުމަށް އިނގިރޭސިވިލާތުގެ ލިވަޕޫލުން ޝަައުގުވެރިވާއިރު ގޮޓްޒޭ ވަނީ ހުސްވި ހަފުތާގައި އޭނާ ހުންނަން ބޭނުންވަނީ 2017 ވަނަ އަހަރު ކޮންޓްރެކްޓް ނިމެންދެން ބަޔާންމިއުނިކްގައި ކަމަށް ބުނެފަ އެވެ. ނަމަވެސް ލޯ ވަނީ މީގެ ކުރިން ގޮޓްޒޭ އަށް އެންމެ ރަނގަޅު ގޮތަކީ އޭނާގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކޯޗުކޮށްދޭ ލިވަޕޫލަށް ދިއުން ކަމަށެވެ.

"މިއީ މިހާރު އަހަރެން ދައްކާހިތްވާ ވާހަކައެއްނޫން. އަހަރެން ބޭނުންވަނީ އެއްވެސް ކުޅުންތެރިއަކު މިހާރު އެމީހެއްގެ ޓްރާންސްފާ އަށް ނުވިސްނާ ޔޫރޯ އަށް ވިސްނަން. ކުލަބު ބަދަލު ކުރަން ވިސްނަންވީ ޔޫރޯ އަށް ފަހު. މިވާހަކަ ދައްކާކަށް އެއްގޮތަކަށް ވެސް މިހާރު ބޭނުމެއްނޫން،" ގޮޓްޒޭ ބަޔާންގައި މަޑުކުރަން ބޭނުންކަމަށް ނިންމުމުން ހިޔާލަކީ ކޮބާތޯ އެހުމުން ޖަރުމަނު ކޯޗު ލޯ ބުންޏެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދޭން ލަނޑު ޖަހައިދިނީ ގޮޓްޒޭ އެވެ. ނަމަވެސް 2013 ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމުންޑްއިން ބަޔާން އަށް ބަދަލުވި ފަހުން އޭނާ އަށް ޖާގަ ލިބެނީ ބެންޗުންނެވެ. އެކަމަކު ގޮޓްޒޭ އަކީ ގައުމީ ޓީމުގެ ފުރަތަމަ 11އިން ލޯ ބަރާބަރަށް ޖާގަ ދޭ ކުޅުންތެރިއެކެވެ.

"އަހަރެންވާނީ ބުނެފައި ކޮންމެ ކުޅުންތެރިއަކަށް ވެސް އަހަރެންގެ ހިޔާލު. މިވަގުތު ޓްރާންސްފާގެ ވާހަކަ ބާއްވާފައި އަހަރެން ބޭނުންވަނީ ކުޅުންތެރިން ޔޫރޯ އަށް ވަގުތު ހުސްކުރަން،" ލޯ ބުންޏެވެ.
ޖަރުމަނުން މި ފަހަރުގެ ޔޫރޯ އަށް މި ނުކުންނަނީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ތަށި ލިބިފައިނުވާތީވެ އެކަން ނިމުމަކަށް ގެނައުމަށެވެ.